








passport4
ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އަނެއްކާވެސް ދިވެހި ޕާސްޕޯޓު ހޮވިއްޖެ އެވެ.
މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ތިންވަނަ އަހަރެވެ.
ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެން އެކުލަވާލާ ހެންލީ ޕާސްޕޯޓް އިންޑެކްސްގެ މިއަހަރު ތިންވަނަ ކުއާޓަރުގައި ރާއްޖެއަށް "ވިސާ ފްރީ ސްކޯ"ގެ ގޮތުގައި ލިބިފައިވަނީ 87 ޕޮއިންޓެވެ. އެއީ ދިވެހި ޕާސްޕޯޓުގައި 87 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެތީއެވެ. މިއަހަރު ކުރީކޮޅު އެ ސްކޯ އުޅުނީ 85 ގައެވެ.
ދިވެހި ޕާސްޕޯޓަށް ލިބިފައިވަނީ މުޅި ދުނިޔެއިން65ވަނައެވެ. މިއަހަރު ކުރީކޮޅު އާންމުކުރި ލިސްޓުން ރާއްޖެއަށް 62ވަނަ ލިބުނު ނަމަވެސް، މިފަހަރު 3 ދަރަޖަ ފަހަތަށް މިވަނީ ވެއްޓިފައެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގަ ޕާސްޕޯޓް ރޭންކިންގއަށް ބަލާއިރު އިންޑިއާއަށް ލިބެނީ 90 ވަނައެވެ. ބޫޓާން އަށް 95ވަނަ ލިބޭއިރު ސްރީލަންކާއަށް ލިބެނީ 105ވަނައެވެ. އަދި ބަންގްލަދޭޝްއަށް 106ވަނަ ލިބުނުއިރު ނޭޕާލްއަށް ލިބުނީ 109ވަނައެވެ. މި ލިސްޓުގެ އެންމެ ފުލުން 116 ވަނައަށް ޖާގަ ހޯދި ގައުމަކީ އަފްގާނިސްތާންއެވެ.
އެ ލިސްޓުގެ ގްލޯބަލް ރޭންކިންގެ އެންމެ ކުރީގައި އޮތް ޖަޕާނަށް ލިބިފައިވަނީ 193 ޕޮއިންޓެވެ. އަދި ދެވަނައިގައި އޮތް ސިންގަޕޫރަށް 192 ޕޮއިންޓް ލިބިފައިވާއިރު، 191 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޖާރުމަނާއި ސައުތު ކޮރެއާއެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސް އެކުލަވާލާފައިވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ މައުލޫމާތަށް ބިނާކޮށްގެންނެވެ.




