








ޔޫގެންޑާގެ ރަސްގެފާނު އޮޔޯ ނިޔިމްބާ ކަބަމްބާ އިގުރު ރުކިދީ IV، އުމުރުން 34 އަހަރުގައި އަވަހާރަވެއްޖެއެވެ.
ދުނިޔޭގެ އެންމެ ހަގު ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވިފައިވާ އޮޔޯ ނިޔިމްބާ ކަބަމްބާ އިގުރު ރުކިދީ IV، އަވަހާރަވިކަން ހާމަކޮށްފައިވަނީ އޭނާގެ ބޮޑުވަޒީރެވެ.
އޮޔޯ ނިޔިމްބާ ކަބަމްބާ އިގުރު ރުކިދީ IV، ޔޫގެންޑާގެ ހުޅަނގުގައިވާ ޓޫރޯގެ ރަސްކަމަށް އިސްވެވަޑައިގަތީ، އޭނާގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން 1995 ވަނަ އަހަރު، އުމުރުން އެންމެ ތިން އަހަރުގައެވެ. ރަސްގެފާނު އޮޔޯ އަވަހާރަވި ސަބަބު ޓޫރޯ ރަސްކަމުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، ޔޫގެންޑާ ސަރުކާރުގެ ވަޒީރަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމަނިކުފާނު އޮންނެވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށާއި ފަރުވާ ހޯއްދަވަމުން ގެންދެވީ އެމެރިކާގައެވެ. ޔޫގެންޑާ ހިންގަނީ އިންތިޚާބުކުރެވޭ ރައީސަކާއި ޕާލަމެންޓަކުން ކަމުގައި ވިޔަސް، ސިޔާސީ ބާރެއް ނެތް ނަމަވެސް ސަގާފީ ގޮތުން ބޮޑު ނުފޫޒެއް އޮންނަ ސަގާފީ ރަސްކަންތައްތަކެއް އެ ގައުމުގައި ދެމިއޮވެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގައި ދުނިޔޭގެ އެންމެ ހަގު ރަސްގެފާނުގެ ގޮތުގައި ހިމެނިވަޑައިގެންނެވި އޮޔޯ، ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ މައްޗަށް ވެރިކަން ކުރެއްވިއެވެ. އެމަނިކުފާނަކީ 19 ވަނަ ގަރުނުގެ ކުރީކޮޅު އުފެދުނު މި ރަސްކަމުގެ 13 ވަނަ ރަސްގެފާނެވެ. އެމަނިކުފާނު އަވަހާރަވިކަން އިއުލާނު ކުރައްވަމުން، ޓޫރޯގެ ބޮޑުވަޒީރު ކެލްވިން އާމްސްޓްރޯންގް ރުވޮމީރޭ އަަކީކީ ވިދާޅުވީ، ބުރާސްފަތި ދުވަހު އެމަނިކުފާނު އަވަހާރަވުމަކީ ޝާހީ އާއިލާއަށާއި ޓޫރޯގެ ރައްޔިތުންނަށް "ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް" ކަމަށެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި އެއްބައިވަންތަކަންމަތީ، މަޑުމައިތިރިކަމާއެކު ދުއާކުރުންމަތީ ދެމިތިބުމަށް ޓޫރޯގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" ހުކުރު ދުވަހު އަަކީކީ ވިދާޅުވިއެވެ.
ޓޫރޯ ރަސްކަމުގައި ވެރިޔަކު ކަނޑައެޅުމުގައި އަމަލުކުރަނީ ވާރުތަވަމުން އަންނަ އުސޫލަށެވެ. އޮޔޯ ރަސްމީކޮށް ކައިވެންޏެއް ބައްލަވައިގެންފައި ނުވި ނަމަވެސް، އަަކީކީ ވިދާޅުވީ "ތަޚުތުގެ ދެމިއޮތުން ކަށަވަރުވެފައިވާ" ކަމަށެވެ. ރަސްގެފާނުގެ ވާރިސެއްގެ ގޮތުގައި ޕްރިންސެއް (ޝާހީ ބޭފުޅެއް) އެބަހުންނެވި ކަމަށާއި ޓޫރޯ ރަސްކަމުގެ އާދަކާދަތަކާއި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން އެ ބޭފުޅެއްގެ ވަނަވަރު އެކަށީގެންވާ ވަގުތުގައި ރަސްމީކޮށް ހާމަކުރެވޭނެކަަމަށް ވަނީ ބުނެފައެވެ.
1995 ވަނަ އަހަރު އެމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތްއިރު، އޮޔޯގެ އުމުރުން 18 އަހަރު ފުރި ރަސްމީކޮށް ތާޖު އެޅުވުމާ ހަމައަށް، ރާނީ މަންމާފުޅު ހިމެނޭ ގޮތަށް ވަގުތީ ވެރިކަމުގެ ކައުންސިލެއް (ރީޖެންސީއެއް) އެކުލަވާލެވުނެވެ. ޒުވާން ރަސްގެފާނަކީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު އިހުތިރާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޑެއިލީ މޮނިޓާ ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުގައި، އެމަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ތައުލީމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން އެޗްއައިވީ/އެއިޑްސްއަށް ހޭލުންތެރިކަން އިތުރުކުރުން ފަދަ ކަންކަމަށް ވަކާލާތު ކުރައްވާފައެވެ.
އެ ގައުމުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ސަގާފީ މުއައްސަސާ ކަމަށްވާ ބުގަންޑާ ރަސްކަމުން ބުނީ، ޓޫރޯގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ރަސްކަމުގެ ރައްޔިތުންނާއެކު ހިތާމައިގައި ބައިވެރިވާ ކަމަށާއި، އެމަނިކުފާނަކީ ޔޫގެންޑާއަށް އަގުހުރި ޝަޚުސިއްޔަތެއް ކަމަށެވެ.




