
6bd8d380-02e3-455e-8b31-50e96f520bf8
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން "އިސްތިއުނާފް ކޮމިޓީ" އެކުލަވާލައި، ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ސޯދިގުގެ އިތުރުން ހަތަރު ބޭފުޅަކު އެ ކޮމިޓީ އަށް އައްޔަންކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރު އިމްރާން އަބްދުﷲ، އެ ކޮމިޓީ އަށް އައްޔަން ކުރެއްވި ފަސް ބޭފުޅުންނަކީ ސޯދިގުގެ އިތުރުން އަޒްމީން ރަޝީދު، ފާތިމަތު ލީނާ އަދި މިންނާ ނާފިޒް އަދި އަހުމަދު ޝިހާދު ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާ މެދު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އާންމު ރައްޔިތުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޮމިޓީއެއް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު އެކުލަވައިލަން ޖެހެ އެވެ.
ގާނޫނު ބުނާ ގޮތުން އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ ކުރީކޮޅު ޕޮލިސް ބޯޑު ވަނީ އެކުލަވާލައްވައިފަ އެވެ.
ފުލުހުންގެ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު އުފެއްދި ޕޮލިސް ބޯޑަށް އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ބޯޑުގެ ރައީސް ކަމަށް އިންތިހާބުކުރި އަލީ ފާއިޒު އާއި ބޯޑުގެ ނައިބް ރައީސް ފަޔާޒުގެ އިތުރުން އާއިޝަތު ނޫރާ މުހައްމަދު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލްޣަފޫރު އަދި ސަފާ ޝަރީފެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





