


.jpeg?w=3840&q=75)





0a4d6e43-4588-44c8-8afb-970ae749add2
ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރިޔާޒް އަލީއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހެވެ.
މި މަޝްރޫއުގެ ދަށުން ޖަލުގެ އުތުރުފަރާތުގައި 614 މީޓަރު ދިގު، އަދި 6.096 މީޓަރު އުސް ފާރެއް އިމާރާތްކުރާނެއެވެ. އަދި ހަލުގެ އިރުމަތީ ފަރާތު ފާރުން 462 މީޓަރު ދިގު އަދި 6.096 މީޓަރު އުސް ފާރެއް އިމާރާތްކުރާނެއެވެ. މި މަސައްކަތް ޔުނިކް ޗޮއިސްއާ ހަވާލުކުރީ 250 ދުވަސް ތެރޭ ނިންމާ ގޮތަށް 15.4 މިލިއަން ރުފިޔާ އަށެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިއަދު މިއޮތް ކުށް ކުރުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ނޭކުރެންދޫގައި ގާއިމްކުރާ އިންޑަސްޓްރިއަލް ޕްރިޒަންއަކީ ކުށްކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެކަން ޔަގީންކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ނޭކުރެންދޫ ޖަލުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ. މިހާރު އެތަނުގެ ކޮންސެޕްޓާއި ޑިޒައިންވެސް ނިންމާފައިވާކަމަށާއި، މިގޮތަށް މި މަަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ.



.jpeg?w=3840&q=75)
