





.jpg?w=3840&q=75)

މިއަހަރުގެ ޖެނުއަރީ 1 އިން ނޮވެމްބަރު 26 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް 28.41 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް މާލީ ވުޒާރާއިން ނެރޭ ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 2.59 ބިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރިއާއި އާމްދަނީން ނަގާ ޓެކްސްގެ އިތުރުން، ޖީ.އެސް.ޓީ އަދި އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ އިތުރުވުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހިލޭ އެހީ ހިމެނޭހެން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ، 37.27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޓެކްސްގެ އާމްދަނީއެވެ. ނޮވެމްބަރު 26 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އަދަދަކީ، މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 31.30 ބިލިއަން ރުފިޔާގެ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައެވެ.
ވިޔަފާރި އަދި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 6.25 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 5.05 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 23.8 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއީ މައިގަނޑު ޓެކްސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދި ދާއިރާއެވެ.
މީގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 3.14 ބިލިއަން ރުފިޔާ (12.0 އިންސައްތައިގެ ކުރިއެރުމެއް) އަދި ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު 1.27 ބިލިއަން ރުފިޔާ (17.8 އިންސައްތައިގެ ކުރިއެރުމެއް) ހިމެނެއެވެ. މީގެ އިތުރުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.19 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އަހަރަށް ލަފާކުރި 3.13 ބިލިއަން ރުފިޔާއަށްވުރެ ވެސް އިތުރު އަދަދެކެވެ.
ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި އާންމު ވިޔަފާރީގެ ދާއިރާއިން ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 14.93 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 6.0 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 9.84 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރަށްވުރެ 501.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ހަމައެއާއެކު، އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.2 އިންސައްތަ އިތުރުވެ، 5.09 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން (ޑިވިޑެންޑްގެ ގޮތުގައި) 1.06 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެހެންނަމަވެސް، އެކި ބާވަތުގެ ފީތަކާއި ޗާޖުތަކުން ލިބުނު އާމްދަނީ މަދުވުމުގެ ސަބަބުން، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 1.5 އިންސައްތަ ދަށްވެ، 8.33 ބިލިއަން ރުފިޔާއަށް ވެއްޓިފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 534.7 މިލިއަން ރުފިޔާއެވެ.
މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު 41.96 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 14.9 އިންސައްތައިގެ އިތުރުވުމެކެވެ.




