
.jpg?w=3840&q=75)






ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެމްއެސް މޭޓްސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގު ހޯދުމާއި ގާތައް ޖެހިލައިފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް އެންމެ ފަހުން ކުޅުނު މެޗުގައި 10-0 ގެ ނަތީޖާއަކުން ދަ ގްރާންޑޭ އަތުން މޮޅުވެފައިވާއިރު، އެމްއެސް މޭޓްސް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އާއި ވާދަކޮށް އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު ލީގު ފުރަތަމަ ބުރުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުރޭޑިއަންޓް އިންނެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅެއް ފެނިގެންދިޔައިރު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 19 ވަަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިއުގެ ބަންގްލަދޭޝް ކުޅުންތެރިއާ ސުމައްޔާ އެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުުނު މަރިޔަމް ނޫރާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އެމްއެސް މޭޓްސް އިން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.
މުބާރާތުގައި މިރޭ 20:00 ގައި މާޒިޔާ އިން ދަ ގްރާންޑޭ އާއި ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅު ނުވެއްޖެނަމަ ބާކީ އެއްމެޗު އޮއްވައި ނިއުރޭޑިއަންޓަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެގެންދާނެއެވެ. އަދި މިރޭގެ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ކަށަވަރުވާނީ ޑިސެންބަރު ތިނެއްގައި މާޒިޔާ އާއި ނިއުރޭޑިއަންޓް ވާދަކުރާ މެޗަށްފަހު އެވެ.





.jpg?w=3840&q=75)

