



.jpg?w=3840&q=75)



މާޒިޔާ އާއި ގައްދޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ގައްދޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުގަައި ދިއްދޫ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގަައި ގައްދޫ އެންމެ ފަހުން ކުޅުނު މެޗުގައި ބިސް ބުރު އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ މާޒިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި މާޒިޔާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަހުމަދު އައިހަމް ވަނީ މިމެޗުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި މާޒިޔާގެ އަބްދުއްﷲ ލޫތު އިބްރާހިމް އަދި ކޮޑްޖޯ ގޯމޭޒް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އިލާން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން މާޒިޔާއަށް 19 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ވިކްޓަރީއަށް ވުރެ އިތުރަށް އެއްމެޗު ކުޅެ ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ގައްދޫ އިން ލީގުގައި ކުޅުނު އަށް މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
މުބާރާތުގައި މިރޭ ކުލަބު އީގަލްސް އާއި ދެކޮޅަ ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅޭ މެޗުން އެޓީމު ބަލިނުވެ ފަރުޖައްސާލައިފިނަަމަ ވިކްޓަރީއަށް އަލުން ލީގުގެ އެއްވަނަ މަގާމު ލިބިގެންދާނެ އެވެ.








.jpg?w=3840&q=75)