







ރަސްމީ ރިޒާވް 599.2 މިލިޔަން ޑޮލަރަށް އަރައިފިކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުގައި މިއީ ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރި 547.7 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު %9.4ގެ ކުރިއެރުމެކެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ ސެޕްޓެމްބަރުގައި ހުރި 169.7 މިލިޔަން ޑޮލަރުން 183.6 މިލިޔަން ޑޮލަރަށް، އެއީ %8.1ގެ ނިސްބަތުން، އިތުރުވެފައެވެ.
އެހެންނަމަވެސް ފާއިތުވި ހަތަރު މަހުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވް ދަށަށް ދިޔައިރު، ޖޫން މަހު 248.9 މިލިޔަން ޑޮލަރުގައި ހުރި މި ޢަދަދު ޖުލައިގައި 221.9 މިލިޔަން ޑޮލަރަށް، އޮގަސްޓުގައި 200.6 މިލިޔަން ޑޮލަރަށް، އަދި ސެޕްޓެމްބަރުގައި 169.8 މިލިޔަން ޑޮލަރަށް ތިރިވެފައިވެއެވެ. އޮކްޓޫބަރު މަހުގެ ޢަދަދާ އެކު މި ވެއްޓުން މަޑުޖެހި ރިޒާވް އެނބުރި މައްޗަށް ދާން ފެށީއެވެ.
މި އަހަރުގެ ކުރީކޮޅު ރިޒާވް ހަރުދަނާ ކުރުމުގެ މަސައްކަތްތަކާ އެކު މާރިޗު މަހު ރަސްމީ ރިޒާވް 1.3 ބިލިޔަން ޑޮލަރަށް އެރި ނަމަވެސް، އެޕްރީލް މަހު ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ދެއްކުމާ ގުޅިގެން ރިޒާވް ބޮޑުތަނުން ދަށްވިއެވެ. މި ދަރަނިތަކަކީ ކުރީގެ އެކި ދުވަސްވަރު ނަގައި މި އަހަރު މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.




