





.jpg?w=3840&q=75)

މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކޮށްފައި
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ޤާއިމުކުރުމަށް ނިންމައިފިއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޤައުމީ ފެންވަރުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުން އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. އެހެންކަމުން، މި މަޝްރޫޢުގެ ސަބަބުން މި ލަނޑުދަނޑި ހާސިލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އެސްޕަޔަރ އަދި އެރައިޒް ޕްރޮޖެކްޓަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށާއި، ބޭރު ފައިސާ ހަކަތައަށް ހޭދަކުރާ މިންވަރު މަދުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު ދެ މަޝްރޫޢެވެ. މި 24 ރަށުގައި އިރުގެ އަލިން ހަކަތަ އުފައްދާ ސޯލާ ޕެނަލްތަކާއި، ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތައް ފުރިހަމަވުމުން ރާއްޖެއަށް އެތެރެކުރާ ތެލުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރެވި، ދެމެހެއްޓެނިވި ތަރައްޤީއަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ކަމާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.








