






ސަރުކާރުން ކުރައްވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޯށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލު ވިދާޅުވީ ޤާނޫނަކަށް ނުވަތަ ޤަވާދަކަށް ބަދަލު އަންނަ ނަމަވެސް ރައްޔިތުންނަށް އެކަމުގެ ތަފްސީލް މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިސްކަންދެއްވާ ކަމަށެވެ.
ޚަލީލް ވިދާޅުވީ، ވާދަވެރިން ތެދު ނޫން މައުލޫމާތު ފެތުރިނަމަވެސް ރައްޔިތުންނަށް ތެދު މައުލޫމަތު ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި އެހެންމަވެސް ރައީސް ބޭނުންފުޅުވާ މިންވަރަށް އެކަން ނުކުރެވޭކަން ޚަލީލް ފާހަގަކުރެއްވިއެވެ. ޚަލީލު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތާނގައި ތެދު މައުލޫމާތު ދިނުމާއި ތެދު ހާމަކުރުމާއި ތެދު މައުލޫމާތު ފެތުރުން ގިނަ ކޮށްފިނަމަ ދޮގު މައުލޫމާތު ފެތުރުމަށް އޮންނަ ޖާގަ ހަނިވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝަޚްސިއްޔަތުގައިވެސް އެމަނިކުފާނަކީ ކެތްތެރިކަމާއި މަޝްވަރާގެ އުސޫލް އިސްކުރައްވާ ބޭފުޅެއް ކަމަށް މިނިސްޓަރ ޚަލީލް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތަކާއި ވުޒާރާތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދީ ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ.






