



.jpg?w=3840&q=75)



ދިވެހިންނަކީ ޒަމާނުއްސުރެ އަވަށްޓެރިކަމާއި، އެއްބައިވަންތަކަމުގެ ރިވެތި އާދަތަކަށް ލޯބިކުރާ، އެކަކު އަނެކަކަށް ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގައި ނަމޫނާ ބައެކެވެ. މިފަދަ ހިތްގައިމު އަދި އަގުހުރި މިސާލެއް ދާދިފަހުން އަނެއްކާވެސް ފެނިގެންދިޔައީ ހއ. މުރައިދޫންނެވެ. އެ ރަށުގެ ފަރަށް އެރި މުދާ އުފުލާ ދޯންޏެއް ސަލާމަތްކުރުމަށް މުރައިދޫގެ ލޮބުވެތި ރައްޔިތުން ދެއްކި ހިތްވަރާއި އެއްބައިވަންތަކަމަކީ މުޅި ގައުމަށް ވެސް ނަމޫނާއެކެވެ.
ހާދިސާ ހިނގަން މެދުވެރިވީ ސީގަލް ގްރޫޕުން ބަލަހައްޓަމުން އަންނަ ހއ. މާފަހިން ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯނި، މުރައިދޫގެ ނެރުމައްޗަށް އެރުމާ ގުޅިގެންނެވެ. މާފަހިން ކޮންމެ ހަފުތާއަކު ވެސް މުރައިދުއަށް މި ދޯނި ދަތުރުކުރަނީ، މުރައިދޫ ބަނދަރުގައި އޮންނަ "މާފަހި" ބޮޑު ބޯޓަށް މުދާ ބަރުކޮށް، ކޮންމެ އާދިއްތަ ދުވަހަކު މާލެއަށް ދަނޑުވެރިކަމުގެ ބާވަތްތައް ފޮނުވުމުގެ ބޭނުމުގައެވެ. ނަމަވެސް، ކިލޯމީޓަރެއްހާ ދުރުމިނުގައި އޮންނަ މާފަހިން ތަކެތި ހިފައިގެން އައިސް މުރައިދޫ ބަނދަރާ ގާތްކުރަން އުޅުމުގެ ތެރޭގައި ހެނދުނުގެ ވަގުތެއްގައި މި ދޯނި ވަނީ ނެރުމައްޗަށް އަރައި ފަރަށް ތާށިވެފައެވެ.

FB_IMG_1795961396569.jpg
މި ހާދިސާގެ ސަބަބުން ދޯނީގެ ބަނޑުފިލާއިން ބައެއް ނެއްޓި، ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ދޯނީގައި ހުރި ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތަކެއް ވަނީ މޫދަށް ބުރައިގެން ގޮސް އޮޔާ ދާން ފަށައިފައެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި، މުރައިދޫ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކުއްލި އަދި އަވަސް ހަރަކާތްތަކެކެވެ. ޚަބަރު ލިބުމާއެކު، ރަށުގެ ދެ ޖިންސުގެ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން ހިމެނޭހެން ގިނަ ބަޔަކު އެ ސަރަޙައްދަށް ޖަމާވެ، މުދަލާއި ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ.
އެއްވެސް ފަސްޖެހުމެއް ނެތި، ރަށުގެ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، މޫދަށް އޮޔާދިޔަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ނަގައި ރައްކާތެރިކުރިއެވެ. ހަމައެއާއެކު، ފަރަށް އަރައި ބަނޑުފިލާ ނެއްޓިފައިވާ ދޯނި އަޑިއަށް ދިޔަނުދީ ހިފަހައްޓައި، އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުން އެ ދޯނި ވަނީ އެއްގަމަށް އެހެލައި ސަލާމަތްކޮށްފައެވެ. މިއީ ރޭވުންތެރިކަމާއެކު ކުރެވުނު އަގުހުރި މަސައްކަތެކެވެ.
ހއ. މުރައިދޫ ރައްޔިތުން މި ހާދިސާގައި ދައްކުވައިދިން އެއްބައިވަންތަކަމާއި އެކުވެރިކަމަކީ އިސްލާމީ ރިވެތި އަޚުލާގާއި ދިވެހި ސަގާފަތުގެ ދިރުމެވެ. އަމިއްލަ އެދުމެއް ނެތި، އަނެކާއަށް ލިބޭ ގެއްލުމަކީ ތިމާއަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ދެކިގެން މުރައިދޫގެ ފިރިހެނުންނާއި އަންހެނުން ކުރި މި މަސައްކަތަކީ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ނަމޫނާ، ހިތްގައިމު މަންޒަރެކެވެ. މިފަދަ ހާދިސާތަކުން ދޭހަކޮށްދެނީ، ކިތަންމެ ބޮޑު މުސީބާތެއް ކުރިމަތިވި ނަމަވެސް، އެއްބައިވަންތަކަމުގެ ބާރުގައި ކޮންމެ ދަތިކަމަކުން ވެސް އަރައިގަނެވިދާނެ ކަމެވެ.




.jpg?w=3840&q=75)