







ރ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް ---
ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވެފައި، އެއް ރަށާއި އަނެއް ރަށް ވަކިވަކިން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ އަބަދުވެސް ކުރިމަތިލާންޖެހެއެވެ. މީގެ ތެރެއިން ވެސް އާންމު ދިރިއުޅުމާއި އިޤްތިޞާދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ޚިދުމަތަކީ ކަރަންޓުގެ ޚިދުމަތެވެ. މި ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކުއްލި ހާލަތްތަކަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން މިއަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިގޮތުން، ދިމާވެދާނެ ކުއްލި ކޮންމެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ޚާއްސަ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.
ހަކަތައިގެ ދާއިރާއަށް ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގައި ވެސް އެންމެ ރަނގަޅަށް އަދި އިތުބާރާއެކު ކަރަންޓުގެ ޚިދުމަތް ލިބެމުންދާ އެއް ޤައުމަކީ ރާއްޖެކަން ޑރ. މުއާވިޔަތު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގެ ހަކަތައިގެ ނިޒާމު މުޅިންހެން ބަރޯސާވެފައިވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވުމުން، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ސީދާ ގޮތުން ރާއްޖެއަށް ކުރެއެވެ.
ތެލުގެ ބާޒާރާއި އިޤްތިޞާދީ ހާލަތަށް ބަލާއިރު، މި އަހަރުގެ ފެބްރުވަރީން ފެށިގެން ރާއްޖޭގެ ޖީޑީޕީގެ 10 އާއި 12 އިންސައްތައިގައި ހަކަތައިގެ ސެކްޓަރު ހިއްސާކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރުގެ އަންދާޒާތަކުން ދައްކަނީ އެ އަދަދު އެއަށްވުރެ މައްޗަށް ދާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން ޑރ. މުއާވިޔަތު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކޮންމެ ތަނަކަށް އަންނަ ކޮންމެ ލޮޅުމަކަށް ވެސް ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް އަސަރުކުރާނެތީ، މި ވަގުތަށް ކުރެވެންހުރި ކަންކަމަށް ތައްޔާރުވުމުގެ އިތުރުން، ދުރުރާސްތާގެ ހަރުދަނާ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
މި ދާއިރާއިން ކުރިމަތިވާ ފަންނީ އަދި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ބަލާއިރު، އެންމެ ބޮޑު ހުރަހަކީ ރާއްޖެ ޖިއޮގްރަފީ ގޮތުން އުފެދިފައިވާ ގޮތެވެ. މިނިސްޓްރީގެ އެސިސްޓެންޓް އިންޖިނިއަރ އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި، ވަކިވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން، ކޮންމެ ރަށެއްގައި ވަކި އިންޖީނުގެއެއް ޤާއިމްކޮށް ހިންގަންޖެހެއެވެ. މީގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތެއްގައި ރަށަކަށް ބޭނުންވާ ސާމާނާއި އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މީގެއިތުރުން، ތެލަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމުން، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ވެސް ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ތަރައްޤީއަށް އަންނަ ބަދަލުތަކާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން، މި ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ބޭނުންވާކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ދެކެއެވެ. ޚާއްސަކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިރުގެ އަލިންނާއި ވައިން ހަކަތަ އުފެއްދުން ފަދަ އިއާދަކުރުވަނިވި ހަކަތައިގެ ނިޒާމުތަކަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަކީ މި މައްސަލައަށް އޮތް އެންމެ ފުރިހަމަ އަދި ދެމެހެއްޓެނިވި ހައްލެވެ.
ކަރަންޓުގެ ޚިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާ ވަކިނުކުރެވޭނެ އަސާސީ ޚިދުމަތަކަށް ވާއިރު، އެ ޚިދުމަތް ހުއްޓުމެއްނެތި ދިނުމަށްޓަކައި ދުރާލާ ޕްލޭންތައް އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ދިމާވާ ގޮންޖެހުންތައް ގިނަ ނަމަވެސް، ޒަމާނީ ޕްލޭންތަކާއެކު އިއާދަކުރުވަނިވި ހަކަތައަށް އިސްކަންދީގެން ކުރިއަށްދިއުމަކީ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުވެ، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ޤައުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.







