







ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނޫ.. ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ބިސް ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ބަލިވެފައިވާއިރު، ބިސް ބުރު ސްޕޯޓްސް ކުލަބުން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ގައްދޫ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނިއުރޭޑިއަންޓުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ އަށްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު، ޔާޔާ ބިލިޓީ އެވެ.
ނަމަވެސް އޭގެ ދެ މިނެޓް ފަހުން ބިސް ބުރުގެ ކެޕްޓަން، މަޖުދާން ސޯލިހު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނިއުރޭޑިއަންޓުން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިއުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ޑޯރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނިއުގެ ލީޑު ފުޅާކޮށްދީފައެވެ.
ޑޯރީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މެޗު ނިމެންދަނިކޮށް ބިސް ބުރުގެ އުލޫފް އަހުމަދަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ހޯދި 14 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ނިއު ތާވަލުގެ ތިންވަނައިގައި އޮތްއިރު، ހަތަރުވަަނައިގައި އޮތް އޮޑިއަށް ވެސް އަށް މެޗުން ވަނީ 14 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ބަލިވި ބިސް ބުރު ލީގުގައި ކުޅުނު އަށް މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.








