








ޒަމާނީ ޓެކްނޮލޮޖީއާއި މީސްމީޑިއާގެ ވަސީލަތްތަކަކީ އިންސާނާގެ ދިރިއުޅުމަށް ފަސޭހަކަމާއި ކުރިއެރުން ގެނެސްދިނުމަށް އުފަންވި އެއްޗެކެވެ. ނަމަވެސް، މި ވަސީލަތްތައް ނުބައި ގޮތުގައި ބޭނުންކުރަން ފެށުމުން، މުޅި މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ވީދި، ސުންނާފަތިވެގެންދެއެވެ. މިގޮތުން މިއަދު ދިވެހި މުޖުތަމަޢުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ މަޤްބޫލު މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ޓިކްޓޮކް"ގެ ސަބަބުން ފެތުރެމުންދާ ނޭދެވޭ އަސަރުތަކެވެ. އެޕްލިކޭޝަނެއްގެ ގޮތުގައި މިއީ ހުނަރު ދައްކައިލުމަށް އޮތް ވަސީލަތެއް ކަމަށް ބުނި ކަމުގައި ވިޔަސް، މިއަދު މި ޕްލެޓްފޯމް ވެފައިވަނީ އަނެކުންގެ މަސްކެއުމާއި، އަވަގުރާނަގޮވުމާއި، ބޭއަދަބީ ޢަމަލުތަކުގެ ހާއްޔަކަށެވެ.
ޓިކްޓޮކްގެ ޒަރީއާއިން އެންމެ ފުޅާ ދާއިރާއެއްގައި ފެންނަމުންދާ އެއް ނުބައި އާދައަކީ އަނެކުންގެ އަބުރާއި ޢިއްޒަތް ކަތިލުމެވެ. އިސްލާމްދީނުގައި މީސްތަކުންގެ ޣީބަބުނުމާއި އަބުރަށް އަރައިގަތުން ސިފަކުރައްވާފައިވަނީ އަމިއްލަ އަޚާގެ މުޅަ މަސް ކެއުން ފަދަ ހުތުރު ޢަމަލެއްގެ ގޮތުގައެވެ. ނަމަވެސް، މަދު ލައިކްސްކޮޅަކާއި ވިއުސްތަކެއް ހޯދުމުގެ ދަހިވެތިކަމުގައި، އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ސިއްރުތައް ފަޅާއެރުވުމާއި، މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދައްކައިގެން "މަސްކެއުން" މިއަދު މިވަނީ އާންމު ކަމަކަށް ވެފައެވެ. މިކަމުގެ ސަބަބުން ޢާއިލާތައް ރޫޅި، މީހުންގެ މެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން ދަނީ އިތުރުވަމުންނެވެ.
މީގެއިތުރުން، ޓިކްޓޮކްގެ ލައިވްތަކާއި ވީޑިއޯތަކުން ފެންނަ އަނެއް ހިތާމަވެރި މަންޒަރަކީ ހުތުރު ބަސްމަގާއި އަވަގުރާނަގޮވުމެވެ. ޅަދަރިންނާއި ޒުވާނުން ހިމެނޭހެން، އެއްވެސް ލަދުވެތިކަމެއް ނެތި ފާޅުގައި ބޭއަދަބީ ބަސްތައް ބޭނުންކުރުން މިވަނީ ޓްރެންޑަކަށް ވެފައެވެ. އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހިންގެ ޒަމާންވީ އަދަބު އިޙްތިރާމް އެއްފަރާތްކޮށް، މައިންބަފައިންނާއި ދޮށީ ޢުމުރުގެ މީހުންގެ ކުރިމަތީގައި ކިޔަން ނުކެރޭ ފަދަ ހުތުރު ބަސްތަކުން މުޢާމަލާތްކުރުމަކީ މިހާރު ފަޚުރެއް ކަމުގައި ބައެއް މީހުން ދެކެއެވެ. މިފަދަ ބޭއަދަބީ ކަންކަމުގެ ސަބަބުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ދުލާއި ހިތް ފަސާދަވެގެންދެއެވެ.
ހަމައެއާއެކު، ހަށިގަނޑު ނިވާކުރުމެއް ނެތި ޢައުރަ ކަޝްފުކޮށް، ޖިންސީ ގޮތުން ހިތްވަރު ލިބޭ ފަދަ ހަރަކާތްތަކާއި ބޭއަދަބީ ނެށުންތައް ޢާންމުކުރުމަކީ ވެސް ޓިކްޓޮކްގެ ނުރައްކާތެރި އެއް ފަރާތެވެ. މާތްވެގެންވާ އިސްލާމްދީނުގައި ލަދުވެތިކަމަކީ އީމާންކަމުގެ ބައެއް ކަމުގައި އަންގަވާފައިވާއިރު، ޓިކްޓޮކްގެ ސަބަބުން އެ ލަދުވެތިކަން މުޅިން ނެތިގޮސް، ފާފަތަކަށް ފާޅުގައި އަރައިގަތުމަށް މަގުފަހިވެއެވެ. މިއީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަގުތައް ވެއްޔާ މޮޑެވި، މާތް ﷲ ގެ ކޯފާއަށް ހުށަހެޅިގެންދާނެ ކަމެކެވެ.
ޓިކްޓޮކަކީ ހެޔޮ ގޮތުގައި ބޭނުންކޮށްފިނަމަ ފައިދާހުރި ވަސީލަތަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ މީހުންގެ އަބުރު ކަތިލުމާއި، އަވަގުރާނަގޮވުމާއި، ބޭއަދަބީ ޢަމަލުތައް ފަތުރާ ހާއްޔަކަށް މި ވަސީލަތް ބަދަލުވެފައިވާ ތަނެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި މައިންބަފައިންގެ ހޭލުންތެރިކަމާއި، ފަރުދީ ޒިންމާ އަދާކުރުމާއި، ދީނީ އަޚްލާޤަށް ރުޖޫޢަވުން ނުހަނު ބޭނުމެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ މުސްތަޤުބަލު މި ނުބައި ވަޅުގަނޑުގެ ތެރެއަށް ޣަރަޤުވެ، މުޅި ޤައުމުގެ އަޚްލާޤީ ބިންގާ ސުންނާފަތިވެގެން ހިނގައިދާނެއެވެ.






.png?w=3840&q=75)

