







މާޒިޔާ އާއި އެމްއެސް މޭޓްސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިރޭ އެމްއެސް މޭޓްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މާޒިޔާ އިން ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 5-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އެމްއެސް މޭޓްސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަ ގްރާންޑޭ ބަލިކޮށްފައެވެ. އަދި މިދެޓީމު ލީގު ފުރަތަމަ ބުރުގައި ވާދަކުރި މެޗު މާޒިޔާ އިން ކާމިޔާބުކުރީ 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅެއް ފެނިގެންދިޔައިރު، މެޗުގެ ފަސްވަނަ މިނެޓުގައި މާޒިޔާ އިން ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި މާޒިޔާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މާޒިޔާގެ ސަފީނާ ރުޝާނިޔާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މެކްލީންސް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ސަފީނާ ރުޝާނިޔާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތްއިރު، މިމެޗުން ބަލިވި އެމްއެސް މޭޓްސް އިން ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.
މިމުބާރާތުގެ މެޗެއް ދެން އޮތި މިމަހުގެ 29 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު 16:00 ގައި ނިއުރޭޑިއަންޓާއި ދެކޮޅަށް އެމްއެސް މޭޓްސް ނުކުންނައިރު، އެރޭ 20:00 ގައި މާޒިޔާ އިން ނުކުންނާނީ ދަ ގްރާންޑޭ އާއި ދެކޮޅަށެވެ.








