








"16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ-ބޭސްޑް ވަޔަލަންސް" ކެމްޕެއިނާ ގުޅުވައިގެން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ޔޫތު ކޮންފަރެންސަކާއި ކުރެހުމުގެ މުބާރާތެއް ބާއްވައިފި އެވެ.
"16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ-ބޭސްޑް ވަޔަލަންސް" ކެމްޕެއިނަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކޮންމެ އަހަރަކުވެސް ހިންގާ ހޭލުންތެރިކުރުމުގެ ކެމްޕެއިނެކެވެ.
މި ކެމްޕެއިންގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ހޭލުންތެރިކުރުވުމުގެ ތަފާތު އެކި ހަރަކާތްތައް މުޅި ރާއްޖެ ހިމެނޭގޮތަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެ އެވެ. އެގޮތުން މި އަހަރު ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ހަރަކާތަކީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޔޫތު ކޮންފަރެންސާއި، ކުރެހުމުގެ މުބާރާތެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގއާއި، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ފުވައްމުލައް ޕޮލިސް އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.
ޔޫތު ކޮންފަރެންސްގައި ސަރުކާރުގެ އިދާރާތަކާއި، ރަށުގެ ޒުވާނުން ހިމެނޭގޮތަށް 60 މީހުން ބައިވެރިވި އެވެ. މި ކޮންފަރެންސްގައި “ޖެންޑަރ ބޭސްޑް ވަޔަލަންސް، ޓެކްނޮލޮޖީ ފެސިލިޓޭޓެޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އަދި މެންޓަލް ހެލްތު” ތީމުގެ ދަށުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ފުލުހުން ބުނީ ނޮވެމްބަރު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި، ޖިސްމާނީ އަނިޔާއާއި ނަފުސާނީ އަނިޔާއާއި، ޖިންސީ އަނިޔާ އަދި އާމްދަނީ ހޯދުމަށް ހުރަސްއެޅުން ފަދަ ކަންތައްތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެ އެވެ. އަދި ސޯޝަލް މީޑިއާއާއި، މޯބައިލް ފޯނު ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މަލާމާތްކޮށް، ބިރުދައްކައި، ހަޑިހުތުރު ބަހުން މުއާމަލާތުކުރުމާއި، ބްލެކްމެއިމްކުރުން ފަދަ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވާއިރު، ހާސްވެ ކަންބޮޑުވުމާއި، އަމިއްލަ ނަފުސަަށް އޮންނަ އިތުބާރު ގެއްލުމާއި، އަމިއްލަ ނަފުސަށް ގެއްލުންދިނުން ފަދަ ނޭދެވޭ ކަންތައްތަކުން ދުރުހެލިކޮށް ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެ އެވެ. ހަމަ އެހެންމެ، އެފަދަ ކަމެއް ދިމާވެއްޖެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި، އާއިލާ ނުވަތަ އިތުބާރުކުރެވޭ ގާތް މީހުންގެ އެހީތެރިކަން ހޯދުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަން ހޯދާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.
16 ޑޭސް އޮފް އެކްޓިވިޒަމް ކެމްޕެއިނާ ގުޅުވައިގެން ފުވައްމުލައް ސިޓީގެ ހަތަރު ސުކޫލުގެ ހުރިހާ ކީ ސްޓޭޖެއް ހިމެނޭގޮތަށް ކުރެހުމުގެ މުބާރާތެއް ހިންގާފައިވެއެވެ. މި މުބާރާތުގައި، ކޮންމެ ކީ ސްޓޭޖަކުންވެސް އެންމެ މޮޅު ހަ ކުރެހުން ހޮވައި އެ ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ކުރިއަށް ގެންދިޔަ، ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތުގައެވެ.

Whats_App_Image_2026_11_29_at_10_53_50_2b4bf23bea.jpeg
ކުރެހުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ"ރެސްޕެކްޓް ބިގިންސް ވިތްމީ، އެވްރި ޗައިލްޑް ޑިސަރވްސް ޓު ފީލް ސޭފް، ސްޓޮޕް ވަޔަލަންސް ބިފޯ އިޓް ސްޓަރޓްސް، އީކުއަލިޓީ ކްރިއޭޓްސް ސޭފަރ ކޮމިއުނިޓީ، ސްޕީކްއަޕް އަގެއިންސްޓް ވަޔަލެންސް، ޓުގެދަރ ވީ ކޭން އެޑް ވަޔަލެންސް، ސޭފް ހޯމް، ސޭފް ސްކޫލްސް އަދި ސޭފް ކޮމިއުނިޓީސް" ފަދަ ތީމުތަކުގެ ދަށުންނެވެ.
"16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ-ބޭސްޑް ވަޔަލަންސް" ކެމްޕެއިންގެ މަގުސަދަކީ ގެވެށި އަނިޔާއާއި، ޖިންސީ ފުރައްސާރައާއި، އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކަކީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކެއްކަން މުޖުތަމައަށް އަންގައިދިނުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ އިތުރުން އަނިޔާކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އެފަދަ ކުށްތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށް ގޮވައިލުމެވެ. މި ކެމްޕެއިންގެ ރަމްޒީ ކުލައަކީ އޮރެންޖު ކުލައެވެ. މިއީ އަނިޔާއިން ރައްކާތެރިވެފައިވާ އުޖާލާ މުސްތަގުބަލެއް ރަމްޒުކޮށްދޭ ކުލައެކެވެ.
މި ކެމްޕެއިން ކުރިއަށް ގެންދަނީ “އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގުވާމީ ދުވަސް” ކަމަށްވާ ނޮވެމްބަރު 25 އިން “ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް” ކަަމަށްވާ ޑިސެމްބަރު 10އާ ހަމައަށެވެ.








