








ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި އޮަޕަރޭޝަންގައި ރ.ދުވާފަރަށް ނިސްބަތްވާ ތިން މީހުން ހައްޔަރުކޮށްފައިވާއިރު،އެއީ އެ ރަށު އެންދެރިމާގެ، އަޙްމަދު އަބޫބަކުރު (47އ) އާއި ގުލްޝަން ހަވީރު، މުޙައްމަދު އިބްރާހީމް (31އ) އަދި މަލަ، އަޙްމަދު ޠަލްޢަތު (30އ) ކަމަށެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ދުވާފަރު ފުލުހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެ ތިން މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކަރުދާސްކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.








