
ގެދޮރު ހެދުމާއި ގެދޮރު ގަތުމަށް ސަރުކާރުން ދޫކުރާ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއުލާންކުރެއްވި "ހެލްޕް ޓު ބިލްޑް" ސްކީމާއި ގެދޮރު ގަތުމަށް ދޫކުރާ "ހެލްޕް ޓު ބައި" ސްކީމެވެ. އަދި މިއީ އަލަށް ހުޅުވާލި ދެ ސްކީމެކެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވަނީ މި ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށާއި އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މި ސްކީމަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ގެދޮރު ބިނާކުރުމަށް އެދޭ ގޯތި ހުރި ރަށަކީ އެހީއަށް އެދޭ ފަރާތުން ދިރިއުޅެމުންދާ ރަށަށްވުމާއި، އެހީ ހޯދާ އިމާރާތަކީ އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދުގެ ދަށުން އިސްތިސްނާކޮށްފައިނުވާ ބާވަތުގެ އިމާރާތެއް ނަމަ، އިމާރާތްކުރުމުގެ ހުއްދަ ނަގާފައިވާ ތަނަކަށްވުމާއެކު އެތަނަށް ދީފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިނުވުން ހިމެނެއެވެ. މީގެ އިތުރުން އެހީއަށް އެދި ހުށަހަޅާ ފަރާތަކީ މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކުން ދޫކުރާ ގެދޮރު އިމާރާތްކުރުމުގެ ފައިނޭންސިން ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށްވުން ވެސް ހިމެނެއެވެ.
މި ސްކީމުގައި ބައިވެރިވެވޭނީ އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއްގައި ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއްގައި އެމީހަކަށް ދިރިއުޅެވޭނެ އެކަށީގެންވާ ގެދޮރެއް ނުވަތަ ހައުސިން ޔުނިޓެއް ނެތް މީހުންނަށެވެ. މީގެ އިތުރުން ހައުސިން ޔުނިޓެއް ލިބިފައިވާ މީހުންނާއި 20 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ގެދޮރު އިމާރާތްކުރާ ލޯނެއް ނުވަތަ ފައިނޭންޝަލް ފެސިލިޓީއެއް ލިބިފައިވާ މީހުންނަށް މި ސްކީމުގައި ބައިވެރިނުވެވޭނެއެވެ. އަދި މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ.
ގެދޮރު ގަތުމަށް ދޫކުރާ "ހެލްޕް ޓު ބައި" ސްކީމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް"ގެ ދަށުން ގެދޮރު ގަތުމަށް އެހީ ބޭނުންވާ ރައްޔިތުންނަށް "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމު"ގެ ދަށުން "ގެދޮރު ގަތުމަށް އެހީ"ގެ ނަމުގައި ޝަރީއާގެ މިންގަނޑުތަކާ އެއްގޮތަށް ގެދޮރު ގަތުމަށް އެހީ ދޫކުރާ ސްކީމެކެވެ. މި ސްކީމުގެ ދަށުން ދެ ކެޓަގަރީއަކުން އެހީ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ؛
އެގޮތުން ދެ ކެޓަގަރީން ވެސް ހިލޭ އެހީގެ ގޮތުގައި 250،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ހެލްޕް ޓު ބައި އެޕޯޑަބަލް ކެޓަގަރީއަކީ ސަރުކާރުން ދޭ ލުއިތަކާއެކު ޕްރައިވެޓް ޑިވެލޮޕަރުން އިމާރާތްކުރާ ހެޔޮ އަގުގެ ހައުސިން ޔުނިޓުތައް ގަތުމަށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް ދޭ ސްކީމެކެވެ. މި ކެޓަގަރީ ކުރިއަށްދާނީ މާލެ ސަރަހައްދުގައި ހިމެނޭ ރަށްތައް ފިޔަވައި އެހެން ރަށްރަށަށެވެ. ހެލްޕް ޓު ބައި މާކެޓް ރޭޓް ޔުނިޓްސް ކެޓަގަރީ ކުރިއަށްގެންދަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށެވެ.
މި ކެޓަގަރީން އެހީ ހޯދުމަށް އުސޫލުގައިވާ އިޖުރާއަތުތަކާ އެއްގޮތަށް، ގަންނަ ފަރާތާއި ޑިވެލޮޕަރާ ދެމެދު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހެއެވެ. މި ދެ ކެޓަގަރީގެ ޝަރުތުތައް ވެސް ވަކިވަކިން އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.















.jpeg?w=3840&q=75)