


.jpg?w=3840&q=75)





ގެދޮރު ބިނާކުރުމަށް އެހީ ދޭ 'ހެލްޕް-ޓު-ބިލްޑް' ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މި ސްކީމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށެވެ.
އެހީއަށް އެދި ހުށަހެޅޭނީ ހަމައެކަނި މިނިސްޓްރީގެ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށާއި ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" އަދި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން ޝަރީއާގެ މިންގަނޑުތަކާ އެއްގޮތަށް އެކުލަވައިލި އުސޫލުގެ މައިގަނޑު މަގުސަދަކީ، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުން އުފުލަންޖެހޭ ދަރަނީގެ ބުރަ ލުއިކޮށްދިނުން ކަމަށެވެ.
އެގޮތުން އަލަށް ގެ އިމާރާތްކުރުމަށާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތެއް ނިންމުމަށް އަދި ބާވެފައިވާ އިމާރާތެއް ތަޅާލައި އަލުން ބިނާކުރުމަށް މި ސްކީމުގެ ދަށުން އެހީ ލިބޭނެކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ އިތުރު ފައިސާ ހަމަޖައްސަންވާނީ މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކުން ނަގާ ފައިނޭންސިން ފެސިލިޓީއެއް މެދުވެރިކޮށެވެ. ނަމަވެސް، މި ފެސިލިޓީ ކުރިން ނަގާފައިވާ ލޯނެއް އިތުރުކުރުމަށް ނުވަތަ ރީ-ފައިނޭންސް ކުރުމަށް ބޭނުން ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި އެހީގެ ދަށުން ބިނާކުރާ ގެދޮރު އެހީ ލިބުނުތާ 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކައިލާނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ބައި އަނބުރާ ދައްކަން ޖެހޭނެއެވެ. އަދި އެ ފައިސާ ޖަމާކުރާނީ ސަރުކާރުގެ ހައުސިން ފަންޑަށެވެ. މީގެ އިތުރުން، އިމާރާތްކުރުމަށް ކޮންޓްރެކްޓަރަކު އައްޔަނުކުރުމަކީ ގޭގެ ވެރިފަރާތުގެ އަމިއްލަ ޒިންމާއެއް ކަމަށް ވެސް އުސޫލުގައި ވެއެވެ.
މި ސްކީމަށް ކުރިމަތިލެވޭނީ އެހީއަށް އެދޭ ފަރާތުގެ ނަމުގައިވާ ގޯތީގައި އެކަށީގެންވާ ގެދޮރެއް ނެތް ފަރާތްތަކަށް ކަމަށާއި އަދި އެއްމެދު އިމާރާތަކުން ހައުސިން ޔުނިޓެއް ލިބިފައިވާ ނުވަތަ މިލްކުކުރުމުގެ އެއްބަސްވުމެއް ވެފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އުސޫލުގައި ވާގޮތުން ވޭތުވެދިޔަ 20 އަހަރު ދައުލަތުން ނުވަތަ ސަރުކާރު ކުންފުންޏަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ ލޯނެއް ލިބިފައިވާ ފަރާތްތަކަށް މި ސްކީމުގެ ދަށުން އެހީއެއް ނުލިބޭނެއެވެ.
މީގެ އިތުރުން، މި އުސޫލަށް އަމަލުކުރަން ފެށި ފަހުން އެ މީހެއްގެ ނަމުގައި އޮތް ގެދޮރު ހުރި ގޯއްޗެއް، ފުލެޓެއް ނުވަތަ ރޯހައުސްއެއް އެހެން ފަރާތަކަށް ވިއްކައި، ހިބައިން ދީ ނުވަތަ ދޫކޮށްލާފައިވާ ނަމަ ޝަރުތު ހަމަނުވާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އުސޫލުގައި ބުނާގޮތުން އެޕްލިކޭޝަން ހުށަހެޅުމުގައި ކޮންމެ ގޯއްޗަކަށް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ މައިގަނޑު ލިޔެކިޔުންތަކުގެ ތެރޭގައި ޒާތީ މައުލޫމާތާއި، ގޭބިސީގެ މައުލޫމާތުގެ އިތުރުން އެ ރަށެއްގައި ދިރިއުޅޭކަން ސާބިތުކޮށްދޭ ލިޔުންތައް ހިމެނެއެވެ.
މާލޭގެ ގޯއްޗަކަށް އެކަކަށް ވުރެ ގިނަ ފަރާތް ގުޅިގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނަމަ، ކޮންމެ ފަރާތެއްގެ މައުލޫމާތާއި ލިޔެކިޔުންތައް ވަކިން ހުށަހަޅަން ޖެހެއެވެ. މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު ތަފުސީލުތައް ފުރުސަތު ހުޅުވާލުމަށް ކުރާ އިއުލާނުގައި އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



.jpg?w=3840&q=75)




.jpeg?w=3840&q=75)