







މަރޮށި އާ ކައުންސިލް އިމާރާތް
ށ.މަރޮށީގެ ކައުންސިލުގެ އާ އިމާރާތުގެ ހުރިހާ މަސައްކަތެއް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމައި، ކުރިއަށް އޮތް ޑިސެންބަރު ނުވަތަ ޖަނަވަރީ މަހު އާ އިމާރާތް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
މަރޮށި ކައުންސިލުން މައުލޫމާތު ދެމުން ބުނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގައި އޭސީ ހަރުކުރުމާއި ފަރުނީޗަރުތައް އަތުރައި ރޭވުމުގެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްްއެމް" އަށް މައުލޫމާތު ދެއްވަމުން މަރޮށި ކައުންސިލްގެ ރައީސް މުހައްމަދު އަބްދުއްރަޙްމާން ވިދާޅުވީ މި އަންނަ މަހުގެ މެދަށް ދާއިރު އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަހުގެ ނުވަތަ މި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އާ އިމާރާތް ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށެވެ.
އަލަށް ތަރައްގީކުރި އިމާރާތަކީ ޖާގައިގެ ގޮތުންނާއި ވަސީލަތްކުގެ ގޮތުން ތަނަވަސް ތަނެއްކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ މި ބަދަލާއެކު ކައުންސިލްގެ އިދާރީ ހިންގުމަށާއި، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއީ ރަށްރަށުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، ބާވެ ހަލާކުވެފައިވާ ކައުންސިލް އިދާރާތައް އަލުން ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއުއެކެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު ޖުމްލަ 105 ރަށެއްގައި އާ އިމާރާތް އެޅުމަށް ނިންމާފައިވާއިރު، އަތޮޅުތެރޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 631 މިލިޔަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ އާރުސީސީއާ އެވެ. އަދި މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ ކައުންސިލް އާ އިމާރާތްތައް މިހާރުވެސް ނިންމައި ވަނީ ބޭނުންކުރަން ފަށާފަ އެވެ.




