








މާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
އަލިފާނުގެ ހަ ހާދިސާއެއް ހިމެނޭހެން ވޭތުވެދިޔަ ހަފުތާގައި ހިނގި ނުރައްކަލުގެ 15 ހާދިސާއަކަށް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވާ ކުއްލި ނުރައްކަލުގެ 15 ހާދިސާގެ ތެރެއިން 13 ހާދިސާއެއް ހިނގާފައިވަނީ މާލޭ ސަރަހައްދުގަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެކުނު ސަރަހައްދުގައި ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ސިފައިން އެހީތެރިކަން ފޯރުކޮށްދިން ހާދިސާތަކުގެ ތެރޭގައި އަލިފާނުގެ ހަ ހާދިސާއަކާއި، މީހުން ސަލާމަތްކުރުމުގެ ތިން ހާދިސާއަކާއި، ގޭހާއި ކެމިކަލާ ގުޅުންހުރި ތިން ހާދިސާއެއްގެ އިތުރުން ބަލިމީހަކު އުފުލުމުގެ ހާދިސާއެއް ހިމެނެ އެވެ.
އޭގެ ކުރީ ހަފުތާގެ ތަފާސްހިސާބުތައް އެމްއެންޑީއެފުން އާންމުކޮށްފައި ނުވާތީ، އެ ހަފުތާގައި ހިނގި މިފަދަ ހާދިސާތަކުގެ އަދަދެއް ސާފެއް ނުވެ އެވެ.
މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގެ ތެރޭގައި، ހ. އުނިހިޔާގޭގެ ތިންވަނަ ފަންގިފިލާއިން ފެށިގެން ހަވަނަ ފަންގިފިލާއާ ހަމައަށް އެކިވަރުގެ ގެއްލުންތައް ލިބުނު އަލިފާނުގެ ހާދިސާ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއްވެސް މިދިޔަ ހަފުތާގައި ވަނީ ހިނގާފަ އެވެ.








