







ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި ބުނެލާ ބަހަކުން އެކަނި ފުއްދާލެވިގެން ނުވާނެ ކަމަށާއި، އެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ދިވެހިން އަބަދުވެސް ތިބީ ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމާއި ސުލްހަ އަދި ޤަދަރުވެރި ދިރިއުޅުމަކަށް ކުރަމުންދާ މަސައްކަތަށް ފުރިހަމައަށް ތާއީދުކޮށް އެ ރައްޔިތުންނާއެކު ކަމަށެވެ.
ރައީސް ވަނީ އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއް ނެތި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބި، ބައިނަލްއަޤްވާމީ ގާނޫނުތައް ނަގަހައްޓަން ޖެހޭ ކަން ފާހަގަކުރައްވާފަ އެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އދ. އާއި ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ ޙައްޤުތައް ދިފާއުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާ ކަމަށެވެ. އެގޮތުން ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައިސީޖޭ) އަށް އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލުވެފައިވާކަމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ސީދާ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ ކަމަށްވާ "އަންރުވާ" އަށް ރާއްޖެއިން ދެމުންގެންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ފަލަސްޠީނަކީ ފުރިހަމަ މިނިވަން ދައުލަތަކަށްވެ، އދ. ގެ ގުނަވަންތަކުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިފައިވާ ފުރިހަމަ މެންބަރަކަށް ހެދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ ސިޔާސަތު އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ އެއްބައިވަންތަކަން ހަމައެކަނި ބުނެލާ ބަސްތަކަކުން ފުއްދާނުލެވޭނެ ކަން ހަނދާންކޮށްދެއްވަމުންނެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަމާއި، އިންސާފާއި، އެބައިމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤު ކަށަވަރުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


.jpg?w=3840&q=75)




