







ރެއާލް މެޑްރިޑާއި އަލަވޭސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ރެއާލް މެޑްރިޑް
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
މިއީ ފާއިތުވެދިޔަ 26 އަހަރުގެ ތެރޭގައި ރެއާލްގެ ދަނޑު ބެރްނަބާއޯގައި އަލަވޭސް މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއީ ލަލީގާގައި ރެއާލް މެޑްރިޑް އަތުން އަލްވޭސް މިހާތަނަށް މޮޅުވި ހަތަރުވަނަ މެޗެވެ.
އެގޮތުން 1931 ވަނަ އަހަރު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލަވޭސް މޮޅުވިއިރު، 2000 ވަނަ އަހަރު ފުރަތަމަ ފަހަރަށް އަލްވޭސް އިން ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ރެއާލް ބަލިކޮށްފައެވެ. އަދި މީގެ އިތުރުން 2020 ވަނަ އަހަރު ރެއާލްގެ ޓްރޭނިންގ ގްރައުންޑް އަލްފްރޭޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ވެސް އަލަވޭސް އިން ވަނީ 2-1 ގެ ނަތީޖާއަކުން ރެއާލް ބަލިކޮށްފައެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ސެލްޓަވީގޯ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އަލަވޭސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ޑިޕޯޓިއޯ ލަކަރޫނިއާ ބަލިކޮށްފައެވެ.
ރެއާލްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލަވޭސް އިންނެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ރެއާލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޓޯނީ މާޓިނޭޒް އެވެ.
އަލަވޭސް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެންޖަލް ޕެރޭޒް އެވެ. ނަމަވެސް އޭގެ އަށް މިނެޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލް މެޑްރިޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މީގެ އިތުރުން މިހާފުގައި ރެއާލް މެޑްރިޑުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 85 ވަނަ މިނެޓުގައި ރެއާލްގެ އިނގިރޭސި މިޑްފިލްޑަރު ޖޫޑް ބެލިންހަމްއަށް ދެވަނަ ރީނދޫކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ. އަދި މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން އަލަވޭސްއަށް 19 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް މެޑްރިޑަށް 14 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.








