






ރާއްޖެ އާއި އިންޑިއާއި ދެމެދު އޮތް ގުޅުމަކީ ދޭދޭ ގައުމުތަކުގެ ސިޔާސަތަކީ ހަމަހަމަކަމާއި އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، މި ގުޅުން ދެމެހެއްޓުމުގައި ރާއްޖެއަކީ ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ 25 ވަނަ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރު މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ދެ ޤައުމުގެ ދެމެދުގައިވާ އިހްތިރާމާއި އިތުބާރު އަދި ދޭދޭ ވިސްނުންތަކުގެ މައްޗަށް ބިނާވެފައިވާ އަވައްޓެރި ގާތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެއަކީ އިހްލާސްތެރި ރަހްމަތްތެރިއެއް އަދި ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފަ އެވެ.
އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ހާއްސަކޮށް ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ބޮޑުވަޒީރު މޯދީ ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ހާސިލުކުރެވިދާނެ ކަންކަމުގެ އަގުހުރި މިސާލެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ. މިއީ ދިވެހި ރައްޔިތުންނަށް ފެންނަން ހުރި ހަޤީޤީ މަންފާތަކެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ރަމްޒުކޮށްދޭ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އިންޑިއާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ވަޒީރު އިރުތިޝާމް ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.







