







މައުރީސިއޯ ޕޮޗެޓީނޯ...ފޮޓޯ: .މެންޗެސްޓާ ޔުނައިޓެޑް
އިނގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާއި އަލަށް ހަވާލުވި އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، ޓީމައި ހަވާލުވި ފަހުން ލީގުގައި ޔުނައިޓެޑް ކުޅުނު ދެވަނަ މެޗުން ވެސް ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އާއި ވާދަކޮށް ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިރޭ އަމިއްލަ ދަނޑުގައި ބެންޓްފޯޑާއި ވާދަކޮށް ވެސް އެޓީމު ބަލިވީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކަލުމް ވިލްސަން ކާމިޔާބުކުރި ދެލަނޑާއެކު ބްރެންޓްފޯޑުން ދެލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން ދެވަނަ ހާފުގައި ބްރެންޓްފޯޑްގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޑިފެންޑަރު ކްރިސްޓޮފާ އެޖާރ ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކެވިން ޝޭޑް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ބްރެންޓްފޯޑަށް 20 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި ކުޅުނު 12 މެޗުން ހޯދި އަށް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
މިސީޒަނުގެ ޕްރެމިއާ ލީގުގައި ޔުނައިޓެޑް ކުޅުނު 12 މެޗުގެ ތެރެއިން ފަސް މެޗު އެއްވަރުވެ، ހަ މެޗުން އެޓީމު ބަލިވެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މާދަމާ ރޭ ހަލް ސިޓީއާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް އިން އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެއްޖެ ލީގު ތާވަލުގެ ފުލަށް ޔުނައިޓެޑް ވެއްޓޭނެއެވެ.








