
ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދޭނީ ސިޔާސީ ނުފޫޒެއް ނެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އާއްމު ފަރާތަކުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުން ހިއްސާކުރުމުން ދެއްވި ޖަވާބުގައެވެ.ރައީސް އާ ބައްދަލުކުރެއްވި މީހަކު ވަނީ، އޭނާގެ ފިރިމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމާއި، އެ އާއިލާއަށްވެސް ބޯހިޔާވަހިކަމުގެ މައްސަލައާ ކުރިމަތިލާންޖެހިފައިވާކަން ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ފަދަ ކަންކަން ސިޔާސީ ކަންކަމާ ނުގުޅުވާނެ ކަމަށާއި އެއްވެސް ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި އެންމެނަށްވެސް ހަމަހަމަކަމާއެކު އެފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުޞޫލުގެ ދަށުން ޢަމަލު ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއްވެސް މީހެއްގެ ނުފޫޒެއްނެތި ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ޕްރޮގްރާމްގައިވެސް ރައީސްއާ ބައްދަލު ކުރި މީހުން ވަނީ، ބޯހިޔާވަހިކަމުގެ ދަތިކަން އޮތްކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންގެ ރިސްކު އެލަވަންސް ނުލިބުމުގެެ ކަންބޮޑުވުން އެފަދަ މުއްދައްރިސަކު ހިއްސާކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މިޕްރޮގްރާމްގައި ރައްޔިތުން ހުށަހެޅި ކަންތައްތައްތައް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
















