








މަހުޙޫމް ކާނަލް ރިޓަޔަރޑް ބިލާލް އާދަމް މަނިކުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި މަރުޙޫމް އާދަމް އިބްރާހިމް މަނިކަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެއީ އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި، ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ސިފައިންގެ ޚިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއްކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއް ކަމަށާއި މީގެއިތުރުން ސިފައިންގެ ޚިދުމަތުގެ މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެެރިވެ ވަޑައިގެންނެވި އިޚުލާޞްތެރިއެއްކަން ފާހަގަކުރެއްވިއެވެ.
ހިތާމައިގެ މި ވަގުތު، މަހުޙޫމް ކާނަލް (ރިޓަޔަރޑް) ބިލާލް އާދަމް މަނިކުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ސިފައިންނަށް ތަޢުޒިޔާ ދަންނަވާ، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ބިލާލް އާދަމް އިބްރާހީމް މަނިކު ލެހެއްޓެވުން އެދި ހެޔޮ ދުޢާ ދަންނަވާފައި ވެއެވެ.








