







އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް އަޕްގްރޭޑްކޮށް އައު ފީޗާތަކާއެކު ލޯންޗުކޮށްފިއެވެ.
ސަރުކާރުގެ 2.0 ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމް "ވަންގަވް" އަދި "އީފާސް" ބޭނުންކޮށްގެން، މި ކުންފުނިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އަޕްގްރޭޑްކޮށްފައިވާއިރު، 29 ނޮވެމްބަރު 2026 އިން ފެށިގެން މި އައު ކަސްޓަމަރ ސާވިސް އީ-ޕޯޓަލް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މި ބަދަލާއެކު، ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު، އަމިއްލަ ޕްރޮފައިލެއް ހެއްދެވުމަށްފަހު، ޚިދުމަތްތަކަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މި ޕޯޓަލްއަށް ލޮގިންވެ ވަޑައިގެންނެވޭނީ "އީފާސް" މެދުވެރިކޮށެވެ. ކަސްޓަމަރުންނަށް ކުންފުނީގެ އީ-ޕޯޓަލް (https://eportal.mwsc.com.mv/login) މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދިލެއްވޭނެއެވެ.
އައު ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދިލައްވާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ޓިއުޓޯރިއަލް ވީޑިއޯތައް ކުންފުނީގެ މީސްމީޑިއާ (ސޯޝަލް މީޑިއާ) މަންސަތަކުގައި ހިއްސާކުރެވެމުންދާނެއެވެ. މީގެއިތުރުން، ޕޯޓަލް ބޭނުންކުރެއްވުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކުންފުނީގެ ހޮޓްލައިން 1575 އަށް ގުޅުއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ވީހާވެސް އަވަސް އަދި އިތުބާރުހުރި ޚިދުމަތްތަކެއް އަބަދުވެސް ފޯރުކޮށްދިނުމެވެ.







