






އއ. މަތިވެރި ޓުއަރިޒަމް ޒޯން އެކެެއް ފަތުރުވެރިކަމަށް ތަރައްޤީކުރަން އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މަތިވެރީގައި ކަނޑައަޅާފައިވާ ޓުއަރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ ބޮޑު ބިންތަކުގެ ތެރޭގައި ހިމެނޭ މި ބިން އޮންނަނީ އެރަށު ހުޅަނގު ދެކުނުގައެވެ.
ޓުއަރިޒަމް ޒޯން 1 އަކީ، 47000 (ސާޅީހަތް ހާސް) އަކަފޫޓުގެ ބިމެކެވެ. މި ބިން ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މަތިވެރި ކައުންސިލުން މި ބިމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ ކުރި އިއުލާނުގައި ވަނީ މި ބީލަމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލު" އަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
މަތިވެރީގެ މި ބިމަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރ މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބީލަމަށް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި ބީލަމުގެ ރަޖިސްޓްރޭޝަން ފީ އަކީ 30،000 ރުފިޔާ ކަމަށް ވެސް ބުނެއެވެ. އަދި ބީލަމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހު 13:30 މަތިވެރި ކައުންސިލް އިދާރާގައި އޮންނާނެކަމަށް ވެސް ބުނެއެވެ.
ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމަށްވެސް ފުރުސަތު ލިބޭނެ ކަމަށާއި ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 21 ޖަނަވަރީ 2027 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި މަތިވެރި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި ކަމަށް ވެސް މަތިވެރި ކައުންސިލުން ވަނީ ބުނެފައެވެ.



