







ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތް (ވިޝް 8) ގެ އަށްވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ޤަޠަރަށް ފުރާވަޑައިގެންފިއެވެ.
މިއީ ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕަރސަން، ޝެއިޚާ މޯޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސަމިޓުގެ ތެރެއިން، "ގްލޯބަލް ހެލްތް ބިޔޯންޑް 2030: އިމަރޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ރައުންޑްޓޭބަލްގައި އެކަމަނާ ތަޤުރީރުކުރައްވައި، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނާ ބައްދަލުކުރައްވާނެއެވެ.
ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކުރާ ވިޝް ސަމިޓަކީ، ޞިއްޙީ ދާއިރާގެ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށާއި ޢަމަލީ ސިޔާސަތުތައް އެކުލަވާލުމަށް، ދުނިޔޭގެ ޞިއްޙީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ގެންނަ ފަރާތްތަކާއި، އެކަޑެމިކް ބޭފުޅުން އަދި އިސްވެރިން އެއްތަނަކަށް ގެނެސްދޭ މުހިންމު ސަމިޓެކެވެ.






