
ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.. ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިންގ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ ރޯމާ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސްޕޯޓިންގ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ޔުކްރޭންގެ ޝަކްތާ 1-0 ގެ ނަތިޖާއަކުން ބަލިކޮށްފައެވެ.
ލިސްބަންގެ އެސްޓާޑިއޯ ޖޯސޭ އަލްވަލަޑޭގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޕޯޓިންގ އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އަދި އޭގެ ތިން މިނެޓްކުރިން ސްޕޯޓިންގއަށް ލިބުނު ޕެނަލްޓީ ލުއިސް ސުއަރޭޒް ކުރިއަށް ފޮނުވާލުނުން ޔުނައިޓެޑްގެ ކީޕަރު ލަމެންސް ވަނީ ދިފާއުކޮށްފައެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ ޔުނައިޓެޑްގެ އަމަޑް ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އެޓީމުގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާކަމަށެވެ.
މެޗުގެ ދެވަނަ ހާފު ޔުނައިޓެޑުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 48 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ބުރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓް ފަހުން ބުރޫނޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ލީޑު ހޯދައިދީފައެވެ.
ސްޕޯޓިންގ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ސުއަރޭޒްއެެވެ. އަދި މިލަނޑު ޖެހުމުގެ ކުރިން ސްޕޯޓިންގެ ކުޅުންތެރިއަކު ޔުނައިޓެޑްގެ ކީޕަރަށް ފައުލްކުރިކަމަށް ޔުނައިޓެޑުން އެޕީލްކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ.
އަދި، އޭގެ ދެމިނެޓް ފަހުން ޔުނައިޓެޑުން ލަނޑެ ކާމިޔާބުކޮށް އަލުން ލީޑު ހޯދި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން ޔުނައިޓެޑްގެ ކުޅުންތެރިއަކު ސްޕޯޓިންގެ ކީޕަރަށް ފައުލްކޮށްފައިވާކަމަށެވެ.
މީގެ އިތުރުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޔުނައިޓެޑްގެ މިޑްފިލްޑަރު ޓިލަމަންސްއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކާފައިވާއިރު، މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ސްޕޯޓިންގ ތާވަލުގެ ނުވަ ވަނައިގައި މިވަގުތު އޮތްއިރު، މިމެޗުން ހޯދި ޕޮއިންޓާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ޔުނައިޓެޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
















