


.jpg?w=3840&q=75)




.jpg?w=3840&q=75)
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) 2،000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު މި ރޭ ކަލާފާނު ސްކޫލުގައި ފަށާނެއެވެ.
މި މުބާރާތް 28 ނޮވެންބަރުގެ ނިޔަލަށް، 3 ދުވަހުގެ މުއްދަތައް ކުރިއަށްދާނެއެވެ.
ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ހާއްސަ އިވެންޓަކީ ހުރިހާ ފަރާތްތަކަށް ވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވައިގެން ކުރިއަށްގެންދާ ރާއްޖޭގެ ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަންނަ ބޮޑު އީދެކެވެ.
މި އިވެންޓުގައި މޯބައިލް، ޕީ.ސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކާއި، ގޭމިންގ ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ފެނިގެންދާނެއެވެ. މި ގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގ ބޭންގ، އަދި ރޮކެޓް ލީގްގެ ފޯރިގަދަ ފައިނަލް މެޗުތައް ކުރިއަށްދާނެއެވެ. މި ގޭމްތަކުގެ އިތުރުން އީ.އޭ ސްޕޯޓްސް އެފް.ސީ 27 އަދި ޓެކެންގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތްތަކުގެ އިތުރުން ވެސް، މި އިވެންޓުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ، ރޭސިންގ ސިމިއުލޭޓަރ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީ.އެންޑް.ޑީ)" ފަދަ ޝައުގުވެރި ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.



.jpg?w=3840&q=75)
