


.jpg?w=3840&q=75)





ޙައްޖު އުމުރާ ކޮންފަރެންސާއި އެގްޒިބިޝަން ފަށައިފިއެވެ.
މިއީ އިސްލާމީ ކަންތައްތަކާއި އައުގާފާއި ބެހޭ ވުޒާރާއިން ބާއްވާ 3 ވަނަ ޙައްޖު އުމުރާ ކޮންފަރެންސް އަދި އެގްޒިބިޝަނެވެ.
މި މަހާސިންތާ ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޙައްޖާއި އުމުރާ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
މިރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުހައްމަދު ސައީދު ވިދާޅުވީ މި މަހާސިންތާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޙައްޖާއި އުމުރާގެ އިދާރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ހައްލުތައް ހޯދަން ޖެހޭ ކަންކަމުގެ ހައްލުތަކާއި ހަމައަށް ވާސިލުވެވޭނެ މަގު ފަހިކުރެއްވުން ކަމަށެވެ. އަދި ގުޅިގެން މަސައްކަތް ކުރުން ކަމަށާއި މިއީ ވަރަށް އުންމީދީ މަހާސިންތާއެއް ކަމަށާއި މިއީ ރާއްޖޭގައި އިސްލާމީ ވަހުދަތާއި ޝިއާރުތައް މަތިވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދަވާ މުހިންމު މަހާސިންތާއެއް ކަމަށްވެސް ވިދާޅުވިއެވެ.
މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ފާއިތުވި އަހަރު ޙައްޖާއި އުމުރާގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމްކުރި 5 ކުންފުންޏަކަށާއި ޙައްޖު ކޯފަރޭޝަނަށް ޚާއްސަ އެވޯޑެއްވަނީ ދީފައެވެ. މި އެވޯޑު ހާސިލުކުރި 5 ކުންފުންޏަކީ މިސްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ބުރޫޖު ހޯލްޑިންގްސް ލިމިޓެޑް، މީގާތު ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް، އީމާން ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޑެޓް އަދި ކުރިކީލަ އަލް ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑެވެ.
ޙައްޖު އުމުރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޢީސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިލްމުވެރިންނާއި ޙައްޖު އަދި އުމުރާއަށް ގެންދާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



.jpg?w=3840&q=75)
