








ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ އިސްތިޤްލާލު ހިމާޔަތްކުރުމުގައި ބޭރުގެ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބާރާއި ޤާބިލުކަމުގައި ޤައުމު ދިފާޢުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު ދިފާޢީ ތަޞައްވުރު ކަމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ހާމަކުރައްވައިފިއެވެ.
ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޒަމާނުގައި ބައިނަލްއަޤްވާމީ ސަލާމަތީ މާޙައުލަށް އަންނަ ހަލުވި ބަދަލުތަކާއެކު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި، ދިވެހިންނަކީ މި ސަރަޙައްދުގެ އެންމެ ދުވަސްވީ މިނިވަން ދައުލަތްކަން ހަނދާންކޮށްދެއްވަމުން، މި މިނިވަންކަން ޒަމާންތަކަށް ދެމިއޮތުމުގެ އަސްލަކީ ދިވެހި އުންމަތް އިސްލާމީ މަތިވެރި އަޤީދާގައި ބަދަހިކަމާއެކު ދެމިތިބުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ދިފާޢީ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން މިހާރު ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ. މިގޮތުން ވައިގެ މަގުންނާއި، ކަނޑާއި އެއްގަމު މަގުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކަށް ސިފައިންގެ ލަޝްކަރު އެންމެ މަތީ ފެންވަރަށް ތަމްރީނުކުރުމުގެ އިތުރުން، ޒަމާނީ ހަނގުރާމަވެރި ވަސީލަތްތަކާއި ޓެކްނޮލޮޖީ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމުގެ މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.
1988 ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނުގައި ޤައުމީ ދިފާޢުގައި ޝަހީދުވި ބަޠަލުންގެ ޚިދުމަތް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. "އެދުވަހު އަޅުގަނޑުމެންގެ ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ މިއަދުގެ ޒުވާން ޖީލުތަކަށް ހުރި އަގުހުރި ދަރުސެއް،" ވަޒީރު ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ފުރާނައިން ފިދާވެވަޑައިގަތީ މާތްވެގެންވާ އިސްލާމްދީނާއި ވަޠަނުގެ ޙައްޤުގައި، ރައްޔިތުންގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ކަމަށްވާތީ އެ ޒިކުރާ އަބަދުވެސް އައުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ނަޞްރުގެ ދުވަހުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ ކޮންމެ ކަމެއްގައިވެސް އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމާއި ދީނުގެ މަޞްލަޙަތު ކުރިއަށް ނެރުންކަން ބަޔާންކުރައްވަމުން ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، އެހެން އެއްވެސް ބައެއްގެ ނުފޫޒާއި ބާރުގެ ދަށުނުވެ، ދިވެހިން އަބަދުވެސް ތިބެންވާނީ އަމިއްލަ ފައިމައްޗަށް ތެދުވި، ފަޚުރުވެރި މިނިވަން ބައެއްގެ ގޮތުގައި ކަމަށެވެ.








