.jpg?w=3840&q=75)







ހަކުރުބަލި ކުރިން ދެނެގަނެ، ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ނިޒާމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިހެން ގޮވާލެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، ގިނަ ބަޔަކަށް ހަކުރުބައްޔާ އެކު ދިރިއުޅުމަކީ ދުވަހުން ދުވަހަށް އާދަކާދަތައް ބަދަލުކުރުމާއި، ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމާއި މުޅި އުމުރަށް ފަރުވާ ހޯދުމުގައި ދެމިހުރުން ކަމަށެވެ. އަދި ބައެއް މީހުންނަށް މިއީ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ސިއްހީ އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި ބަލި ތަހައްމަލުކުރާ އެކި ފަރާތްތަކުގެ ތަފާތު ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށާއި ބަލީގެ ސަބަބުން ލިބޭ ވޭން ކުޑަކުރުމަށްޓަކައި، ކުރީބައިގައި ފިޔަވަޅު އެޅުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަރުވާ ހޯދަމުންދާ އާއިލާގެ މެންބަރަކަށް ނުވަތަ ގާތް މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގަވާއިދުން ޓެސްޓުތައް ހެދުމަށް ހިތްވަރު ދިނުމާއި، އެންމެން ގުޅިގެން ސިއްހަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމުގައި ކުރާ ކޮންމެ މަސައްކަތަކީ ވެސް އަގުހުރި މަސައްކަތެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވަމުން ވަނީ ހަކުރުބަލި ކުރީބައިގައި ދެނެގަނެވި، އޯގާތެރިކަމާ އެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
.jpg?w=3840&q=75)






