






ޕްރައިވެޓް ހޮސްޕިޓަލުގެ ޚިދުމަތުގެ އަގުތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށްސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙުމަދު ޝަމްހީދު ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު ޝަމްހީދު ވަނީ ހުޅުމާލޭގައި ރަނގަޅު ހޮސްޕިޓަލެއް ނެތްކަން ފާހަގަކުރައްވާ، ހުޅުމާލޭގައި ޚިދުމަތްދޭ ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގެ އަގު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރައްވާތޯއާއި ހުޅުމާލޭގައި ސަރުކާރުގެ އައު ހޮސްޕިޓަލެއް ފެށޭނީ ކޮން އިރަކުންތޯ ވަޒީރާ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، ހުޅުމާލެއަކީ އާބާދީ އިތުރުވަމުން އަންނަ ތަނަކަށްވާއިރު، ނިމިދިޔަ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރަން ފެށީ ރަނގަޅު ޕްލޭނެއް ނެތިކަމަށެވެ. ރައްޔިތުންނަށް ފަސޭހައިން ސިއްހީ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ ޚިދުމަތް ހޯދައިދިނުމަށް އައު ވަސީލަތްތައް ޤާއިމްކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް2ގައި 500 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށާއި، އެ މަޝްރޫޢަށް އިކޮނޮމިކް ކައުންސިލުން ހުއްދަވެސް ދެއްވާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރިއަށް ދަނީ ޓެކްނިކަލް ކަންކަން ކަނޑައެޅުމާއި، ޚިދުމަތްތައް ޕްލޭންކުރުން ފަދަ މަސައްކަތްތައްކަން ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ހޮސްޕިޓަލް މިހާރު ހުރި އިމާރާތާއި އިންވެގެން އޮތް ބިމުގައި އަޅާ މި ހޮސްޕިޓަލަކީ 250 އެނދުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަސައްކަތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.






