
.jpg?w=3840&q=75)

.jpeg?w=3840&q=75)




ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތްކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުސަތު މިއަދު އިސްތިއުފާދެއްވައިފިއެވެ.
އެމްއެމްބީސީގެ ރައީސްގެ މަގާމަށް އޭނާ އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ފަރުސަތު މަގާމުން އިސްތިއުފާ ދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވާއި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަންކަމުގެ ސަބަބުން މިއަދުން ފެށިގެން އެ ކޮމިޝަނުގެ ރައީސްކަމާއި މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖެ ފުރިހަމަ ޑިމޮކްރަސީގެ ނިޒާމަކަށް ފުރޮޅެމުންދާ ދަނޑިވަޅެއްގައި މީޑިއާތަކަކީ އިލްމީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުންނާއި "މެޗުއަރިޓީ"ގެ ގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަކީ އޭނާގެ އުއްމީދެއް ކަމަށް ވިދާޅުވެފައި ވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ފަރުސަތު ވިދާޅުވީ ގާނޫނުން ކޮމިޝަނާއި މެމްބަރުންގެ މައްޗަށް މަގު ދައްކާފައި ވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުން ކަމަށެވެ. މީޑިއާ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހާއި މަގުސަދު ދެމެހެއްޓުމުގެ ބިންގަލަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހަތް މެމްބަރުން ތިއްބަވައެވެ. އެއީ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނެވެ. ފަރުސަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ. ފަރުސަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ. އަދި ކޮމިޝަނުގެ ރައީސަށް ވާނެ މެންބަރު ވެސް ކަނޑައަޅަނީ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުންނެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކޮށްފައިވާ އަނެއް ދެ ބޭފުޅުންނަކީ ސޮފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތެވެ.
އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެމްބަރު ކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލައެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ. އެ ކޮމިޝަނުގެ ނައިބު ރައީސަކީ ޒަމްއަތެވެ.

.jpg?w=3840&q=75)

.jpeg?w=3840&q=75)



