





ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިން ހިމާޔަތްކުރުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މި މުހިންމު ކަންކަން ހާސިލުކުރުމަށްޓަކައި ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި ޕްރޮގްރާމްތައް މެދުވެރިކޮށް އަމަލީ ގޮތުން މަސައްކަތްކުރަމުންދަނީ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ނައްތާލުމަށް ކަމަށެވެ. އަދި އަނިޔާގެ މައްސަލަތައް އިހުސާންތެރިކަމާއި ޒިންމާދާރުކަމާއެކު ރިޕޯޓުކުރުން ހަރުދަނާކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ރައްކާތެރި މަރުކަޒުތައް (ޝެލްޓަރތައް) އިތުރަށް ފުޅާކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު އަނިޔާ ލިބޭ ކޮންމެ މީހަކަށް ކަރާމާތާއި، އިންސާފާއި އަވަސް ފިޔަވަޅުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެންމެ އިސް ސަފުގައި ޚިދުމަތްދޭ ފަރާތްތަކާއި، ތަންފީޒީ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ ޤާބިލުކަމާއި އިހުސާންތެރިކަން އިތުރުކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
އަނިޔާ ހުއްޓުވުމަކީ އެންމެ މުހިންމު އިސްކަންދޭކަމެއްގެ ގޮތުގައި ދެމި އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮނިގަނޑުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލައި، އަންހެނުންގެ ޙައްޤުތަކާއި އެކަނބަލުންގެ ފުރިހަމަ ޤާބިލުކަމުގެ ބޭނުން ހިފުމަށް ބާރުވެރިކުރުވައިގެން މި އަމާޒަށް ވާސިލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ވަނީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކުވެސް ބިރުވެރިކަމެއް ނެތި، އަދި ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެގެން ދިރިއުޅޭނެ ޤައުމަކާއި ދުނިޔެއެއް ބިނާކުރުމަށްޓަކައި އެންމެން އެކަތިގަނޑަކަށްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވެފަ އެވެ.

.jpg?w=3840&q=75)



