








އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި އަމިއްލަ ކުންފުނިތަކުން ހިންްގާ ނޫސް މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން - އެމްއެމްބީސީން އެކުލަވާލައި އާންމުކޮށްފިއެވެ.
މިއީ މީޑިއާ ގްރާންޓުގެ ދަށުން ފައިސާ ލިބޭނެ މީޑިއާތަށް ކަނޑައެޅުމުގެ މަސައްކަތް އެކޮމިޝަނާއި ހަވާލުކުރުމާއި ގުޅިގެން އެކޮމިޝަނުން އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލުގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ މިބުރަކީ މި އެހީ ދޭ ދެވަނަ ފަހަރެވެ.އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް އެ ކޮމިޝަނާ ހަވާލުކޮށްފައިވަނީ، މީގެ ކުރީން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރައިން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ. އެގޮތުން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގެ ކަންކަން މީޑިއާ ކޮމިޝަނާ ހަވާލުކުރުމަށްފަހު، ވުޒާރާގެ ފަރާތުން މިކަމަށް އެކުލަވާލި އުސޫލުވެސް ވަނީ ބާތިލްކޮށްފައެވެ.
މީޑިއާ ކޮމިޝަނުން އަލުން އެކުލަވާލި އުސޫލުގައިވެސް މީގެ ކުރިން އެކުލަވާލި އުސޫލާ އެއްގޮތަށް އަސާސީ ކަމަކަށް، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުން ހިމެނިފައިވެއެވެ. މި އުސޫލުގެ ދަށުން ފައިސާ ދޫކުރާނީ މީޑީއާއެއް ހިންގާތާ އެއް އަހަރު ދުވަސް ވެފައިވާ މީޑިއާތަކަށެވެ.
މި އުސޫލުގައިވާ ގޮތުން މީޑިއާ ގްރާންޓަށް އެދޭ މީޑިއާތަކުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އެނގޭނެ ބޭންކުގެ ސިޓީއެއް އަންނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހެއެވެ. އަދި މީގެ ކުރިން މީޑިއާ ގްރާންޓުން ފައިސާ ލިބިފައިވާ މީޑިއާއެއް ނަމަ އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް މަލީ ބަޔާނެއްގެ ޒަރީއްޔާއިން ހުށަހަޅަން ޖެހެއެވެ.
އަލަށް އެކުލަވާލި އުސޫލުގައި މީޑިއާތަކަށް މާލީ އެހީ ދިނުމުގައި މާކްސް ދޭނެ މިންގަނޑެއް ވަނީ ކަނޑައަޅާފައެވެ. މި އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑީއާ ހިންގިނަމަވެސް މާލީ އެހީ ލިބޭނީ އެފަރާތަކުން ޚިޔާރުކުރާ އެއް މީޑިއާއަކަށެވެ. މީގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައްވެސް ވަނީ ހިމަނާފައެވެ.
ކޮންމެ މިޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭގޮތަށް އޮތްއިރު، އެ ފަރާތްތަކަށް އިޚްތިޔާރު އުސޫލުގެ ދަށުން އިޚްތިޔާރު ކުރެވޭނީ ގިނަ ވެގެން ދެ މިޑިއަމް ނުވަތަ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަކަން ބަޔާންކޮށްފައެވެ.
• މީޑިއާގެ މުއްދަތު• މުވައްޒަފުންގެ އަދަދު• މުވައްޒަފުންގެ ތަޢުލީމާއ،ި ތަޖުރިބާއާއި އިދާރީ އިންތިޒާމުތައް• ބިޒްނަސް ޕްލޭން• ކޮންޓެންޓާއި ބާވަތް
މީޑިއާތަކަށް ފައިދާ ދިނުމުގައި ބަލާނީ 50 މާކްސްއިން މަތިން ލިބޭ މީޑިއާތަކަށެވެ. އުސޫލުގެ ދަށުން މީޑިއާ ކޮމިޝަނުން ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައ،ި ބްރޯޑްކާސްޓް މީޑިއާއާއި އޮންލައިން މީޑިއާ ހިމެނޭހެން، އެ މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް 3 މާކުހުގެ މަގުން އުނިކުރެވޭ ގޮތަށް ވަނީ ހިމަނާފައެވެ.މީޑިއާ ކޮމިޝަނުގެ އުސޫލުގައިވާ ގޮތުން މީޑިއާތަކުން މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ކޮމިޝަނުން އެކަމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. އަދި ކޮމިޝަނުން މާކްސް ދޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފެންނާނެއެވެ. މާކްސް ދެވުނު ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ މާކްސް މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އުސޫލުގެ ދަށުން ދެއެވެ.މީޑިއާތަކަށް ފައިސާ ދޫކުރާނީ އުސޫލުގެ ދަށުން ފައިސާ ދޫކުރަން ކަނޑައަޅާ މީޑިއާތަކަށެވެ. އަދި ފައިސާ މިންވަރު ކަނޑައަޅާނެ ފޯމިއުލާއެއްވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މި ފައިސާ ދޫކުރާނީ ކޮމިޝަނުން މީޑިއާތަށް ކަނޑައެޅުމުން، ދާޚީލީ ވުޒާރައަށް ލިސްޓު ފޮނުވުމުން އެ ލިސްޓް މާލީ ވުޒާރާއަށް ފޮނުވައިގެންނެވެ. މިފައިސާ ޖަމާކުރާނީ އެ މިޑިއާގެ ނަމުގައި ހަދާފައިވާ ބޭންކް އެކައުންޓަށެވެ.
މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތައެވެ.








