






އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.72 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 1.59 ބިލިއަން ރުފިޔާކަމަށްވާއިރު، މިއީ %8.17 ގެ އިތުރުވުމެކެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރުވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި މި މުއްދަތުގައި 1.70 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 1.56 ބިލިޔަން ރުފިޔާ އެވެ. މިއީ %8.97 ގެ ކުރިއެރުމެކެވެ.
މިއާއެކު މިދިޔަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުން ޖުމްލަ 3.42 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ދެ ބައިން ލިބިފައިވަނީ 3.15 ބިލިޔަން ރުފިޔާ ކަމަށްވުމުން، މިއީ ޖުމްލަ ގޮތެއްގައި %8.57 ގެ އިތުރުވުމެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ އޮންނަ ފަރާތްތަކާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.
އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ އެއްކޮށް ޖަމާކުރަމުން ދަނީ ރާއްޖޭގެ ސޮވެރިން ފަންޑަށެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑާއި، އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީ ބޮޑުކޮށްގެން ލިބޭ އިތުރު އާމްދަނީވެސް ޖަމާކުރަނީ މި ފަންޑަށެވެ.



