








އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
އެ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.64 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއީ މިދިޔަ އަހަރު ލިބުނު 1.54 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު %6.4 އިތުރު އަދަދެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. މިއީ %7.6 އިތުރު އަދަދެކެވެ.
މިއާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޕީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.32 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.11 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %6.8 އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. އަދި މި ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.
އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ އެއްކޮށް ރާއްޖޭގެ ސޮވެރިން ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީވެސް މިފަންޑަށް ދަނީ ޖަމާކުރަމުންނެވެ.








