


.jpeg?w=3840&q=75)





ޖިންސީ ގޯނާގެ ޝިކާރައަށްވި ކުއްޖާގެ މައުލޫމާތު އާންމުނުކުރަން ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށް ނެރުނު ބަޔާނުގައި ބުނީ އިތުބާރު ހުރި މަޤާމެއްގައި ހުރި ފަރާތެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުއްޖާގެ ޒާތީ މަޢުލޫމާތު އެކި މައްސަތަކުގައި އާންމުކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ކުޑަކުދިންގެ ޚައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކުޑަކުދިންގެ ޚައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި ޚިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މަޢުލޫމާތު އާންމު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި، ކުޑަކުދިންގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަންނާނެ ގޮތަށް އެކުދިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ޚާއްސަކޮށް އެކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވަނީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައިކަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ކުއްޖަކަށް ދިމާވާ އެއްވެސް ކަމަކާއި ގުޅިގެން އިސްވެ ބަޔާންކޮށްފައިވާ ހަލާތްތަކުގައިވާ ކުއްޖެއްގެ މަޢުލޫމާތު އާންމު ކަންކަމާއި މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަޤުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން ޒާތީ މަޢުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއްކަން އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ކުޑަކުދިންގެ ޚައްޤުތައް ރައްކާތެރި ކުރުމަކީ، މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމުގައިވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


