








ދިވެހިރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޢާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށް ބާއްވާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ޤައުމީ މަސައްކަތު ބައްދަލުވުން މާލޭގައި ފަށައިފިއެވެ.
މީރުމާ އިވެންޓްސް ހޯލުގައި ބޭއްވުނު މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އަލްފާޟިލާ ޤީލާ ޢަލީ އެވެ.
ޢާންމު ޞިއްޙަތުގެ ޚިދުމަތްތަކަކީ މީހުން ބަލިވުމުގެ ކުރިން މުޅި މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލާފައިވާ 12 އީ.ޕީ.އެޗް.އެފް ގެ މައްޗަށް ބިނާކޮށް، ޤައުމީ ފެންވަރުގައި މި މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަށާފައެވެ.
އަދި މިހަފްލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، މެޑަމް ޕޭޑެން އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީގެ މަންދޫބު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޑަބްލިޔު.އެޗް.އޯ ގެ ފަންނީ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ 12 އީ.ޕީ.އެޗް.އެފް ދިވެހިރާއްޖޭގެ ޙާލަތާ ގުޅުވައި ކަނޑައެޅުމާއި، މި ޚިދުމަތްތައް ދޭނީ ކޮން ފަރާތްތަކަކުންކަމާއި ކޮން ތަންތަނަކުންކަން ދެނެގަތުމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 'ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031' އަދި ގުޅުންހުރި ޤައުމީ އެހެނިހެން ޕްލޭންތައް އެކުލަވާލެވިގެންދާނެއެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި، ޑަބްލިޔު.އެޗް.އޯ އަދި ޗައިނާ އެއިޑްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.







