


.jpg?w=3840&q=75)




ކުޑަހުވަދޫގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުން
ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެކުދިންނާއި ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ އަޑު އެހުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “މިއީ އަހަރެންގެ ދުވަސް، އަހަރެންގެ ޙައްޤުތައް، އަހަރެންގެ މުސްތަޤުބަލު" މި ޝިއާރުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި އެކުދިންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތަކުގައި އެކުދިންގެ އަޑު އިއްވުމަށް ދޭ ސަމާލުކަން އިތުރުކުރަންޖެހޭކަމަށެވެ.ރައީސް ވިދާޅުވީ އަނިޔާއިން ކުދިން ސަލާމަތްކުރުމާއި، އާއިލީ މާހައުލެއްގައި ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ޞިއްޙީ ފަރުވާއާއި، އެންމެން ބައިވެރިކުރާ ތަޢުލީމީ ނިޒާމަކާއި، ތެރަޕީގެ ޚިދުމަތްތަކުގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި އަނިޔާލިބިފައިވާ ކުޑަކުދިން އަލުން މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމުގައި ދިވެހިރާއްޖެއިން ދަނީ ކުޑަކުދިންގެ ބޭނުންތަކަށް އިސްކަންދޭ ސިޔާސަތުތަކަށް ބާރުއަޅަމުންކަމަށެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ގެނެވުނު އިޞްލާޙުތަކާއި ޑިޖިޓަލް ރައްކާތެރިކަމަށް އެޅުނު ފިޔަވަޅުތަކަކީ، ކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވި އެވެ.މީގެއިތުރުން ރައީސއ ވިދާޅުވީ ހަގީގީ ކުރިއެރުމަކީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވައިލުން ނޫންކަމަށެވެ. އޭގެ ބަދަލުގައި އެކުދިންގެ ތަޖުރިބާތައް އަޑުއަހައި، އެކުދިންގެ ޚިޔާލުތަކަށް އިޙުތިރާމްކޮށް، އެކުދިންނަށް ލިބެން އޮތް މުސްތަޤުބަލު ބިނާކުރުމުގައި އެކުދިން ބައިވެރިކުރުވުން މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
ކުޑަކުދިން އެދޭފަދަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

.jpg?w=3840&q=75)





.jpg?w=3840&q=75)
