




ހާލަންޑް ލަނޑުޖެހުމަށްފަހު އޮޑެގާޑް އާއެކު އުފާފާޅުކުރަނީ..
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ހަތަރެއްގައި މިރޭ ރަށުން ބޭރުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ޑެންމާކް ބަލިކޮށް ނޯވޭ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި ނޯވޭ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ވޭލްސް އަތުން މޮޅުވެފައިވާއިރު، ޑެންމާކް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-1 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސް ނޯވޭ އިން 3-2 ގެ ނަތީޖާއަކުންނެވެ
ކޮޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ ފުރަތަމަ 14 މިނެޓް ތެރޭގައި ޑެންމާކުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ.
އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ރަސްމުސް ހޮއިލަންޑް ޑެންމާކަށް މެޗުގެ ލީޑު ހޯދައިދިންއިރު، އޭގެ ތިން މިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ މިޑްފިލްޑަރު ޕިއެރޭ އެމިލް ހޮޖްބްޖާރގްއެވެ.
ނޯވޭ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ނޯވޭ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން މި ދެޓީމަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެޓީމުގެ ހެޑް ޓޫ ހެޑް ނަތީޖާއިން ކުރިހޯދައި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދީ ނޯވޭ އިންނެވެ. އަދި ގުރޫޕްގެ އެއްވަނަ ޕޯޗުގަލް އިން ކަށަވަރުކުރިއިރު، ޑެންމާކުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.






