




ޕޯޗުގަލް އާއި ވޭލްސް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ހަތަރެއްގައި މިރޭ ރަށުން ބޭރުގައި ވޭލްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނަ ޔަގީންކޮށްފިއެވެ.
މިމުބާރާތުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ޑެންމާކް އަތުން ބަލިވެފައިވާއިރު، ވޭލްސް އެންމެ ފަހުން ކުޅުނު މެޗުގައި ނޯވޭ އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.
ކާޑިފްގެ ކާޑިފް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕޯޗުގަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ.
ޕޯޗުގަލް އިން ލީޑު ހޯދިތާ ދެމިނެޓް ފަހުން ވޭލްސްގެ ފޯވާޑް ޑޭވިޑް ބްރޫކް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ވޭލްސް އިން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ސޯބާ ތޯމަސް އެވެ.
ނަމަވެސް އޭގެ ތިން މިނެޓް ފަހުން ޕެޑްރޯ ނެޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޕޯޗުގަލް އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދީ މެޗުގެ 70 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކާލޯސް ފޮބްސް އެވެ. މިއީ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، ރޮނާލްޑޯ ބޭނުންކުރި ޕޯޗުގަލްގެ ހަތް ނަމްބަރު ޖާޒީ ހަވާލުކުރި ފޮބްސް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޕޯޗުގަލްގެ ޗެލްސީ ފޯވާޑް ޕެޑްރޯ ނެޓޯއަށް ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި 15 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ވޭލްސް އިން މުބާރާތް ނިންމާލީ ކުޅުނު ހަ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮވެއެވެ






