
ތިނަދޫ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީ އިން ގޮވާލައިފިއެވެ.
އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ސިޔާސީ ނިޔަތެއްގައި ކުރާ ދައުވާތަކެއް ކަމަށެވެ.
މޭޔަރު ސައުދު އަލީގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުލަތުން އުފުލައިފައިވާ ދައުވާތަކަކީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކަމަށާއި އެ ދައުވާތައް ބިނާކޮށްފައިވަނީ، ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންކަން ހާމަވާން އޮތް އިރު، އެ ފަދަ ކަމަކަށް ސައުދު އަލީ ފަރުދީގޮތުން ޒިންމާވާންޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އަދި ޤާނޫނީ އާންމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ދައުވާތަކާއެކު، ދައުލަތުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާކަން ފާހަގަކޮށް ބުނީ އޭގެ މާނައަކީ ހަމަ ހަގީގަތުގައިވެސް އެ ފަދަ ޖިނާއީ ކުށެއްގެ އަމަލެއް މޭޔަރު ސައުދު ކޮށްފައި ނުވާތީ ކަމަށެވެ. އަދި މި މައްސަލަތަކުގައި ދައުވާ އުފުލުމަށްޓަކައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކޮށްފައިވަނީ، އެހެނިހެން މައްސަލަތަކުގައި ކަންކުރާގޮތާ އިދިކޮޅަށް އާދަޔާ ހިލާފު ބާރުމިނެއްގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްޑީޕީގެ ބަޔާނުގައި ދައުވާ ހުށަހެޅުމާއެކު، ކްރިމިނަލް ކޯޓުން މިހާތަނަށް ޢަމަލުކޮށްފައިވާ ގޮތުން، ކޯޓަށް ހުށަހެޅިފައިހުރި އެހެން ދައުވާތަކުގައި ހިންގާ ޤަޟިއްޔާތަކާ ހިލާފަށް ވީ އެންމެ އަވަހަކަށް މި މައްސަލަތަކުގައި ހުކުމް ކުރުމަށް އަމާޒުހިފައިފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެ ދައުވާތައް ހުށަހަޅައިފައި މި ވަނީ، ސައުދު އަލީ އަލުން މޭޔަރުކަމަށް އިންތިހާބުވިޔަސް މަގާމު ގެއްލުވައިލައި ޖަލަށްލާނެކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއްމުތަނެއްގައި އިންޒާރުދިންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ވަނީ އިންސާފުން އެއްކިބާވެފައިވާ އެ ސިޔާސީ ދައުވާތައް އަނބުރައި ގެންދިޔުއުމަށް ގޮވާލައި ބުނީ އެކަން އެ ކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ، އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުގެ ދަށުން ތިނަދޫގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށް ވީތީ، އެ ކަމަކީ ޤާނޫނުއަސާސީއާއި ޑިމޮކްރަސީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.
















