
ރަސްމާލެ މަޝްރޫއުގައި ވޯޓެއް ނުނަގައިފިނަމަ، ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ސަރުކާރުން ހިންގާން ނިންމާފައިވާ މަޝްރޫއާ މެދު ރައްޔިތުންތަކެއް ކަންބޮޑުވެފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުން އުފެދެނީ މައުލޫމާތު ނުލިބި ވާނުވާ ނޭނގޭތީ ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ ރުހުން ނެތި ބޮޑެތި ނިންމުންތައް ކުރިއަށް ގެންގޮސްފިނަމަ ނާކާމިޔާބުވާކަން ފާއިތުވި ދެ ތިން ދައުރެއްގެ ތަޖުރިބާއިން ހާމަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއަށް މީގެ ކުރިން ތަކުރާރުކޮށް ނަޝީދު ތާއީދުކުރައްވައި ވާހަކަފުޅުދައްކަވާފައިވާއިރު، އެމަނިކުފާނު ވަނީ ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމުތައް ހިންގުމަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައިފައެވެ.
މި މަޝްރޫއު ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ބެހޭގޮތުން، އާންމުން ދެކޭ ގޮތެއް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެއެވެ.















