








ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ކެންޑިޑޭޓް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ރަނިންމޭޓް، އާދަމް އާޒިމްގެ ފުވައްމުލަކު ކެމްޕޭން އޮފީސް ރޭ ހުޅުވައިފިއެވެ.
ފުވައްމުލަކު ފުނާޑޮ އަވަށުގެ ކުއީންސްޝޭޑްގައި ހެދި އޮފީހުގައި ރޭ ބޭއްވި ހަފުލާއެއްގައި، ކެމްޕޭން އޮފީސް ހުޅުވައިދިނީ، ފުވައްލަކުގައި ހަރަކާތްތެރިވާ ފައިސަލް އާޒިމް ކެމްޕޭން ޓީމުގެ މެމްބަރުންނެވެ. މި ހަފުލާގައި ޕްރައިމަރީ ކެންޑިޑޭޓް ފައިސަލް ނަސީމް ވެސް މާލޭގައި ހުންނަވައިގެން، ވާރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.
މި ހަފުލާގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކުރިމަގާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު، ކެމްޕޭން ޓީމާ ހިއްސާ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ވަރުގަދަ އިގްތިސާދެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ކޮރަޕްޝަނާއި ފަސާދަ ނެތް ސާފު ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކެމްޕޭން އޮފީސް ހުޅުވުމުގެ ހަފްލާގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމުގެ މެމްބަރުންގެ އިތުރުން، ފައިސަލް އާޒިމަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ވެސް ބައިވެރިވިއެވެ.




