








ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަމާޒުކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުގެ މަންދޫބުން ބުރަ މަސައްކަތްތަކެއް ކުރަމުން އެބަދާކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާއިރު، މި މަޝްވަރާތަކުގެ ފަހު ވަގުތުތަކުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަމުންދަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށް ކަމަށެވެ.
މީގެ އިތުރުން، މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް (އެޑަޕްޓޭޝަން) ބޭނުންވާ ފައިސާގެ މިންވަރު މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަކީވެސް މި މަޝްވަރާތަކުގައި އިސްކަންދެމުންދާ މުހިންމު ދާއިރާއެއް ކަމަށް ބުނެއެވެ. ހަމައެއާއެކު، ހަކަތަ އުފެއްދުމުގެ ނިޒާމުތަކުގައި ބޭނުންކުރާ ތެލާއި ގޭސް ފަދަ "ފޮސިލް ފިއުލް" ބޭނުންކުރުން ހުއްޓާލުމަށްޓަކައި އަދުލުވެރި، އިންސާފުވެރި އަދި ތަރުތީބުވެފައިވާ އުސޫލަކުން އެހެން ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމާ ގުޅޭގޮތުންވެސް ފަހު އެއްބަސްވުމަކަށް އައުމަށް މަންދޫބުން ދަނީ ބަހުސްކުރަމުންނެވެ. މި ބަދަލު ގެނައުމުގައި އެއްވެސް ޤައުމަކަށް އިޤްތިޞާދީ ގޮތުން ގެއްލުން ނުވާނޭހެން، އަދި ހުރިހާ ޤައުމަކަށްވެސް ފުރުޞަތު އޮންނާނެ ފަދަ ގޮތަކަށް ކަންކަން ރޭވުމަށް ބާރުއަޅަމުންދެއެވެ.
ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މި މަޝްވަރާތަކުގެ ނަތީޖާ އިންތިހާއަށް މުހިންމުވާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މުއްސަނދި ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މި ބައްދަލުވުމުގައި ދަނީ ފާހަގަކުރަމުންނެވެ.




